އިމާމުންގެ ތެރެއިން ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޝުއަރެންސް ސްކީމެއް މި ހަފުތާގައި ތައާރަފު ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ބޭއްވި އިމާމުންގެ މަހާސިންތާ 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ މިކަމާ ގުޅިގެން އިންޝުއަރެންސްގެ ޚިދުމަތްދޭ ކުންފުނިތަކާ ބައްދަލުކުރެވި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި އެގޮތުން އާސަންދަ ނިޒާމުގެ އިތުރަށް ކުރަންޖެހޭ ކަންކަމަށް މަގު ފަހިކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި އިމާމުންގެ ޖަމިއްޔާއެއް ވުޖޫދުކުރަން ޖެހޭ ކަމުގަ އެވެ. އެކަމަކު އެ ޖަމިއްޔާއަކީ ސިޔާސީ މަސައްކަތް ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމުގައްޔާއި ދީނީ ދައުވަތާއި މަންހަޖު ދެމެހެއްޓުމަށް އެކަމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
މަހާސިންތާގައި އިމާމުންގެ މަޖިލިހެއް އެކުލަވާލަން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ މަޖިލިހުގައި ރާއްޖޭގެ ކޮންމެ އަތޮޅަކުން އިމާމެއް ހުންނަން ޖެހޭ ކަމަށެވެ. އިމާމު ކަނޑައަޅަން ޖެހޭނީ އެ އަތޮޅެއްގެ އިމާމުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
500 އަށް ވުރެ ގިނަ އިމާމުން ބައިވެރިވި މި މަހާސިންތާގައި ހާޒިރުވެގެން ބައިވެރިވި 208 އިމާމުންނާއި އޮންލައިންކޮށް ބައިވެރިވި 300 އިމާމުން ހިމެނެ އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އެކި ސަރަހައްދުތަކުގައި ހުރި އިސްލާމީ މަރުކަޒުތަކަށް ބަންގި ގޮވާނެ މީހަކާއި އިމާމަކާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމުގަ އެވެ. އެގޮތުން ހަމަޖައްސާ އިމާމަކީ މަތީ ޑިގްރީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށް ވާނެ ކަމުގަ އެވެ. އޭގެ އިތުރުން އެ ސަރަހައްދުތަކުގައި އިސްލާމިކް މިނިސްޓްރީގެ މަންދޫބަކު ހުރެގެން މުއާމަލާތު ކުރެވޭނެ ގޮތަށް އިންތިޒާމު ކުރާނެ ކަމުގަ އެވެ.
އޭގެ އިތުރުން ޝަހީމް ވިދާޅުވީ ކައުންސިލުތަކާއި އިމާމުންނާ މިހާރު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްދިނުމަށް މި ހަފުތާގައި މިނިސްޓްރީން ކައުންސިލުތަކަށް އިރުޝާދުތަކެއް ފޮނުވާނެ ކަމަށެވެ.