މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުވެރި ބިންތަކުން ކުރިއަށްއޮތް ތިންއަހަރު ކުލި ނުނަގާނެ.

QPWQXD1yNoKDAYn.jpg

ރައީސް އިބްރާހީމް މުހައްމަދު ސާލިހް

މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ އަދި އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރު ކުލި ނުނަގަން ސަރުކާރުން ނިންމައިފި އެވެ.

މިކަން މި ގޮތަށް ނިންމެވި ކަން އިއުލާނު ކުރެއްވީ މިއަދު ފާހަގަ ކުރަމުން މިދާ ދަނޑުވެރި ކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވި ޚިތާބުގައެވެ.

ރައީސް ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ އަދި އަލަށް ދޫކުރާ ބިންތަކުން ތިން އަހަރު ކުލި ނުނަގަން ނިންމާފައިވަނީ ދަނޑުވެރިކަމަށް ފަހިި ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުންނެވެ.

ރައީސްގެ ޚިތާބުގައި ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން މިދިޔަ ހަފްތާގައި ހަ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް އިއުލާނު ކޮށްފައިވާނެ ކަން ފާހަގަކުރެއްވެވި އެވެ.

ސަރުކާރުގެ ވައުދާއި އެއްގޮތަށް، ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލާފައިވާ ކަމަށާއި މިއަހަރުން ފެށިގެން އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދަނޑުވެރިކަމަށް ލޯނު ދޫކުރަމުން އަންނަކަން ވެސް ރައީސް ފާހަގަ ކުރެއްވެވިއެވެ.

ރައީސް ސޯލިހުގެ ޚިތާބުގައި ވިދާޅުވި ގޮތުގައި ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި ތާޒާކަމާއެކު، ރަނގަޅު އަގެއްގައި ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުން ކަމަށްވާތީ މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް އުފައްދާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ އޮކްޓޫބަރ 15 ވަނަ ދުވަހުއެވެ. މިއަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިއާރަކީ “ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަގީންކަން” އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top