ފޮޓޯގްރަފީގެ ރޮނގުންނާއި ކޭޝިއަރުންގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެ ފަންނުގައި ތަމްރީނު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ދެ ޕްރޮގްރާމަކީވެސް ސްޕޮންސަރ ކޮށްފައިވާ ކޯސްތަކަކަށްވާތީ، ކޯހުގެ ފީ ދައްކާކަށް ނުޖެހެއެވެ.
ފޮޓޯގްރާފަރުން ތަމްރީން ކުރުމުގެ ކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް އެއް އަހަރު ތެރޭގައި ފައިސާ އަނބުރާ ދައްކާގޮތަށް ކެމެރާއެއް ލިބޭނެ ޕެކޭޖެއް އެކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ. އަދި އެ ކޯހުގެ ބައިވެރިންނަށް ޕްރޮފެޝަނަލް ފޮޓޯގްރާފަރަކާ އެކު އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މިކޯސްތަކަށް އެދި ހުށަހަޅަންޖެހޭ ފޯމް، އެޑިއުކޭޝަން މިނިސްޓްރީ އިންނާއި ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އިން ލިބޭނެ އެވެ.
އެ ކޯސްތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަހެވެ. ފޯމް ހުށަހަޅެން ޖެހޭނީ ޣާޒީ ބިންލްޑިންގުގެ ތިރީ ފަންގިފިލާގައި ހުންނަ ޓިވެޓް އޮތޯރިޓީ އަށެވެ.
ސަރުކާރުން ވަނީ ފޮޓޯގުރާފަރުންނާއި ކޭޝިއަރުންގެ ދާއިރާއަކީ ދިވެހިންނަށް ހާއްސަ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މިއަދު އިފްތިތާހު ކުރި ޕްރޮގްރާމުގެ ދަށުން ތަމްރީންތައް ކުރިއަށް ދާނީ އެޑިއުކޭޝަން މިނިސްޓްރީއާ އެކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ޓިވެޓް އޮތޯރިޓީންނެވެ
އެއްހާސް ފޮޓޯގްރާފަރުންނާއި ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ސަރުކާރުން އިފްތިތާހްކޮށްފައި ވަނީ، މިމަހުގެ ފަސް ވަނަ ދުވަހު އެވެ.