އަށްއަހަރުގެ ކުޑަ އަންހެން ކުއްޖަކަށް 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު، ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގަައި އަންހެން ކުއްޖާއަށް އޮޅުވާލައިގެން ފަޅުތަނަކަށް ގެންގޮސް އެ ފިރިހެން ކުއްޖާ ވަނީ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފަ އެވެ.
މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި 15 އަހަރުގެ ފިރިހެން ކުއްޖާ، އަށް އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ މާސްމެލޯ ދޭނެ ކަމަށްބުނެ ފަޅު ގެއަކަށް ވައްދާފައެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ގައި ހިމެނޭ ރަށެއް ގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދުގެ ވަގުތެއްގައި ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައަށް ފުލުހުން އެޓެންޑްވެފައިވާއިރު، މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާނެ ކަމަށެވެ. އަދި ކުއްޖާގެ ވަނަވަރު ރައްކާ ކުރުމުގެ ގޮތުން އެ ކުއްޖާ ނިސްބަތްވާ ރަށް އަދި އަތޮޅު ހާމަނުކުރާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.