ޖަމިއްޔާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ، ބޭނުންވާ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ފެށި ދީނީ އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިއީ އިސްލާމިކް މިނިސްޓްރީގެ ތާރީހުގައި ޖަމިއްޔާތަކާ އެކުގައި މި ގޮތަށް ބޭއްވޭ ފުރަތަމަ ބައްދަލުވުން ކަމަށެވެ.
ޝަހީމް ވިދާޅުވީ، ރާއްޖެ އިސްލާމްވިތާ 900 އަހަރާއި ގާތްވަމުންދާއިރު، ރާއްޖެ އިސްލާމްވި އިރާއި ބަލާއިރު، މިއަދު ރާއްޖެއަށް ފިކުރީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ކުރިމަތުވެފައިވާ ގޮންޖެހުންތަކަކީ މީގެ ކުރިން ކުރިމަތިވެފައި ނުވާ ފަދަ ބޮޑެތި ގޮންޖެހުން ތަކެއް ކަމަށެވެ.
އެ ގޮންޖެހުންތަކުގެ ކުރިމަތީގައި ރާއްޖޭގެ އިސްލާމީ ސައްހަ އަގީދާ ހިމާޔަތްކޮށް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގަހައްޓައި، ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތް ތަކަކީ ހަމައެކަނި ސަރުކާރުން ކޮށްގެން ފަރުޖެހޭނެ ކަންކަމެއް ނޫންކަން މިނިސްތަރު ފާހގަކުރެއްވި އެވެ. އަދި މިކަންކަން ފުރިހަމައަށް ކުރެވޭނީ އިސްލާމީ އިޖްތިމާއީ މަސައްކަތްކުރާ ޖަމިއްޔާ ތަކާއި، ދީނީ ދަޢުވަތުގައި މަސައްކަތްކުރާ އިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެހެން މުވައްސަސާތައް ގުޅިގެން ވަރުގަދަ މަސައްކަތް ތަކެއް ކޮށްގެން ކަމަށް ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ މި މަހާސިންތާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ޖަމިއްޔާތަަކަށް ކޮށްދެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމުގަ އެވެ.
އެގޮތުން ނަމާދު ކުރުމަށް އަހުލުވެރި ކުރުވަން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި އެފަދަ ކުދި މަޝްރޫއުތަކަށް ހާއްސަ ގޮތެއްގައި އެހީތެރިކަން ފޯރު ކޮށްދިނުމުގެ އިތުރުން ޖަމިއްޔާތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެހީތެރިކަންދޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި އިސްލާމީ ވަރުގަދަ ޝަހުސިއްޔަތްތަކުން ކުރެއްވި މަސައްކަތްޕުޅުތަކުން ނަމޫނާ ލިބިގަނެ، ގައުމުގައި ހެޔޮ ކަންތައްތައް ދެމެހެއްޓުމަށް މިއަދު މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި 70 ޖަމިއްޔާއަކުން 98 މަންދޫބުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ ފަރާތްތައް ވެސް ހިމެނެ އެވެ.