ފަތިހާ ތެދުވެ ރިޒްގު ހޯދަން މަސައްކަތް ފަށާ! ބަރަކާތް ލައްވާނެ: ޚުތުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

ފަތިހާ ތެދުވެ ރިޒްގު ހޯދަން މަސައްކަތް ފެށުމަކީ ރިޒްގުގައި ބަރަކާތް ލެއްވުން ހިމެނޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވަނީ، ރިޒްގުގެ ބަރަކާތް ހޯދުމުގެ މައްޗަށެވެ.

މާތް ﷲ ދެއްވާ ރިޒްގުގައި ބަރަކާތްލައްވާ ކަންކަމުގެ ތެރޭގައި، ފަތިހާ ތެދުވެ ރިޒްގު ހޯދަން މަސައްކަތް ފެށުންވާކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ބުނީ ރޭގަނޑު ހޭލާ ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ ކަމަށެވެ. އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށެވެ. އެކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްގުން މަހުރޫމުވާ ކަމަށާއި މާތް ﷲ އޭނާގެ މައްޗަށް ވާޖިބު ކުރައްވައިފައިވާ ހައްގު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މި ވަގުތުގެ ބަރަކާތުން އިންސާނާ މަހުރޫމު ކުރެވޭތޯ ޝައިތާނާ މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން ރޭގަނޑު ކުޅިވަރުގައި ހޭލައި ހުރުން، އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަކަމަކަށް ހަދާނެ ކަމަށް ބުނެފައިވެ އެވެ. މިފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސް ވުމުން ކަމަށާއި އޭނާއަށް ފަތިސް ނަމާދު ވެސް އަދި ދުވާލުގެ ފެށުން ވެސް އޭރުން އޮންނާނީ ގެއްލިފައި ކަމަށް ޚުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އިސްލާމްދީނުގައި މަސައްކަތަކީ އަޅުކަމަކަށް ވީހިނދު، ﷲ ގެ ހަޟްރަތުގައިވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަ ވެގެންނެއް ނުވެއެވެ. މަސައްކަތްކުރާ މީހާއަށް ﷲ ރުހިވޮޑިގަތުން ލިބޭނެއެވެ. މީހުންގެ ލޯތްބާއި އިހުތިރާމް ލިބޭނެއެވެ.

”މަސައްކަތް ނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫނެވެ. އަދި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށެވެ.“ޚުތުބާގައި ބުނެފައި ވެއެވެ.

ދުންޔަވީ ހަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ހަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެންް ކަމަށް ޚުތުބާގައި ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top