ކަމަދޫ ސަގާފީ ގްރޫޕްގެ ކާމިޔާބީ އުއްޗު ފާހަގަކުރައްވައިފި

l_172088586625qpFR.jpeg

ކަމަދޫ ސަގާފީ ގްރޫޕުގެ ތިރީހެއްހާ މެމްބަރުން އުއްޗުގެ ރިސޯޓު، ކުރެއްދޫއަށް ގޮސް އުއްޗުއަށް ޚާއްޞަކޮށް ދިން ޝޯގެ ތެރެއިޏް---ފޮޓޯ؛ ސަން

މިދިޔަ ބޮޑު އީދުތެރޭގައި ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުގެ ވާހަކަ އީދު ނިމި މަހެއް ފާއިތުވެގެން ދިޔައިރުވެސް ހުއްޓުމެއް ނައެވެ. އެ ކުޅިވަރުތައް ހުށަހެޅި ކަމަދޫ ސަގާފީ ގްރޫޕަށް މީސްމީޑިއާ މެދުވެރިކޮށް ގިނަބައެއްގެ ތައުރީފު އަދިވެސް ދަނީ މެދުކެނޑުމެއް ނެތި އޮހެމުންނެވެ. އެކުދިންގެ ފަރި ހަރަކާތްތައް އަންނަނީ މީސްމީޑިއާގައި އަދިވެސް އަންނަނީ ބާރުގަދަ ކުރަމުންނެވެ.

މިއަދު އިވުނު އާ ޚަބަރަކީ ކަމަދޫގެ ޒުވާނުން ސަގާފީ ކުޅިވަރުކުޅެގެން މި ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ކަމަދޫ ސަގާފީ ގްރޫޕަށް ޚާއްސަ ހަދިޔާއެއް އެރުވުމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ދެއްވި ދައުވަތަކަށް، ކަމަދޫ ސަގާފީ ގްރޫޕުގެ ތިރީހެއްހާ މެމްބަރުން އިއްޔެ އުއްޗުގެ ރިސޯޓު، ކުރެއްދޫއަށް ގޮސް އުއްޗުއަށް ޚާއްޞަ ޝޯއެއް ހުށަހަޅައިދިން ވާހަކައެވެ.

ސީޕްލޭނާއި ލޯންޗުގައި ސީދާ ކަމަދޫން ސަގާފީ ގްރޫޕް ކުރެއްދޫއަށް ދިޔުމުން ރިސޯޓުގެ މެނޭޖްމަންޓުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

ކުރެެއްދޫ ބޯޅަދަނޑުގައި ރޭ ދެ ގަޑިއެއްހާއިރު ވަންދެން ކުރިއަށްދިޔަ މި ޝޯގައި ބޮޑުއީދުގައި ކަމަދޫގައި ހުށަހެޅި ރީތި ލަވަތަކުގެ އިތުރުން އުއްޗުއަށް ޚާއްސަކޮށް ތައްޔާރުކޮށް ހުށަހެޅި ލަވައެއްވެސް ހިމެނެއެވެ. މި ޝޯ ބަލައިލުމަށް ކުރެއްދޫގައި މި ވަގުތު ތިބި ފަތުރުވެރިންގެ އިތުރުން، ދައުވަތު އެރުވިގެން ކުރެއްދޫއަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާއި ކުރެއްދޫގެ މުވައްޒަފުން ބޯޅަ ދަނޑަށް ދިޔައެވެ.

އުއްޗު އަކީ ގައުމީ ކަންކަމުގައި އިސްނަގާ ފަރާތްތަކާއި ކާމިޔާބީ ހޯދާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައި ހަދިޔާ ދެއްވައި، އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރައްވާ ވިޔަފާވެރިއެކެވެ.

ގައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ވެސް ފާހަގަ ކުރުމުގެ ގޮތުން އުއްޗުވަނީ އެ ޓީމު އެއްކޮށް އުއްޗު އަރިހަށް ގެންދަވައިގެން ހަދިޔާ ދެއްވައި، އެކަން ކުލަގަދަކޮށް ފާހަގަކުރައްވާފައެވެ.

ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ މި ޝޯގައި ކަމަދޫ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން އުއްޗުއަށް ޚާއްސަ ހަދިޔާއަކާއި ހަނދާނީ ފިލައެއް އެރުވިއެވެ. އަދި އުއްޗުގެ ފަރާތުން ވެސް ހަދިޔާ އާއި ހަނދާނީ ފިލައެއް ކަމަދޫ ރައްޔިތުންނަށް އެރުވިކަމަށް މައުލުމާތު ލިބިފައިވެއެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ޒަމީރު ވިދާޅުވީ، ކަމަދޫގެ ސަގާފީ ކުޅިވަރު ގްރޫޕަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ދައުވަތު ލިބެމުން  ދާކަމަށާއި ނަމަވެސް އެކަން ގަބޫލުކޮށްފައި ނުވާކަމަށެވެ.

ނަމަވެސް އުއްޗު ދަޢުވަތު ދެއްވުމުން، އެކަން ގަބޫލުކުރައްވާ ކުރެއްދޫއަށް އައީ އުއްޗުއަކީ އަބަދުވެސް ދިވެހި ފަންނުވެރިކަން ކުރިއެރުވުމަށް ތަރުހީބުދެއްވާ އެހީތެރިވެދެއްވާ ބޭފުޅަކަށްވެފައި، ދިވެހި ރައްޔިތުންގެ އަގު ވަޒަންކުރެއްވުމުގައި މިސާލު ދައްކަވާ ބޭފުޅަކަށް ވާތީއެވެ. .

އަދިވެސް އުއްޗު ދެއްވާ މިފަދަ ދައުވަތު އުފަލާއެކު ގަބޫލުކުރައްވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top