ޒުވާނުންގެ އާބާދީގެ 19 އިންސައްތަ، މަސައްކަތެއް ނުކޮށް

DSCN7103.jpg

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 19 އިންސައްތަ އަކީ އެއްވެސް މަސައްކަތެއް ނުކުރާ މީހުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން، ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ 15 އަހަރާ 25 އަހަރާ ދެމެދުގެ އާބާދީއަކީ 53،537 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 27،625 ފިރިހެނުންނާއި 25،912 އަންހެނުންނެވެ. މި އާބާދީގެ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކު ނުވަތަ 10414 މީހުން ވަޒީފާއެއް އަދާ ނުކުރެ އެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި އެއީ ކިޔެވުމާއި ވަޒީފާގެ އިތުރުން އެއްވެސް ޓްރެއިނިންއެއް ވެސް ނަހަދާ މީހުންނެވެ.

ޒުވާން އުމުރުގެ މީހުން ކިޔެވުމާއި ވަޒީފާ އަދާކުރުމާ ގުޅޭ ކެޓަގަރީގައި ގިނައީ ހަމައެކަނި ވަޒީފާ އަދާކުރާ މީހުންނެވެ. އެގޮތުން 15-24 އަހަރާ ދެމެދުގެ 34.2 އިންސައްތަ މީހުން ތައުލީމު ހާސިލްކުރަމުން އައި ނަމަވެސް، ލޭބަ ފޯސް އިން ބޭރުގައި 34 އިންސައްތަ މީހުން ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތައުލީމު އަދި ލޭބަ ފޯސް އިން ވެސް ބޭރުގައި 14.5 އިންސައްތަ މީހުން ތިބިއިރު، ވަޒީފާ އަދާކުރަމުން އަދި ކިޔަވަމުން އަންނަނީ އެންމެ 11.1 އިންސައްތަ މީހުންނެވެ.

އާބާދީގެ ޖުމްލަ އަދަދުގެ 41 އިންސައްތަ މީހުން އުޅެނީ މާލޭގައި ކަމަށް އެ ހިސާބުތަކުން ދައްކައެވެ. އެއީ ޖުމްލަ 211،908 މީހުންނެވެ. ރާއްޖެތެރޭގެ ރަށްރަށުގައި 236،911 މީހުން ދިރިއުޅެމުންދާއިރު، ރިޒޯޓުތަކުގައި 52،482 މީހުން އަދި، ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި 13،831 މީހުން ދިރިއުޅެއެވެ.

ދެހާސްއެކާވީސް ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ އަހަރު ވަޒީފާ އަދާނުކުރާ މީޙުންގެ ނިސްބަތަކީ ޒުވާނުންގެ އާބާދީގެ 7.3 އިންސައްތައެވެ.

ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 515،132 އެވެ. އޭގެތެރެއިން ވަޒީފާ އަދާ ކުރާ މީހުންގެ ނިސްބަތް ތިން ލައްކައަށް އަރަ އެވެ. ވަޒީފާ އަދާކުރާ 171،130 މީހުންނަކީ ދިވެހިންނެވެ. އަދި 126،386 މީހުންނަކީ ބިދޭސީންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top