މޫދަށް ކުނިއަޅާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަނީ

large_170125290437qUR9.jpg

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް: މޫދަށް ކުނި އަޅާ މީހުން ކައުންސިލްތަކާ ގުޅިގެން ދެނެގަނެ، ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި --- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މޫދަށް ކުނި އަޅަމުންދާ މީހުން ކައުންސިލްތަކާ ގުޅިގެން ދެނެގަނެ އެމީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މޫދަށް ކުނިއަޅާ މައްސަލައަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ކުނީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ހެދިފައިވާ ގަވާއިދުތަކަށް އަމަލުނުކުރުން ކަމަށެވެ.

އެގޮތުން ކަނޑު ދަތުރުކުރާ ބޯޓު ފަހަރުގައި އުފެދޭ ކުންޏަށް އަމަލުކުރަންވީ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބުނެދީފައި ވާކަމަށާއި ނަމަވެސް މިހާރު ފެންނަނީ ބޯޓުތަކުގައި އުފެދޭ ކުނި ކަނޑަށާއި ރައްރަށުގެ އަތިރިމައްޗަށް އަޅަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް މިފެންނަނީ ދޯނި ފަހަރުން ކަނޑަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މަންޒަރު. މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ އެބަ ކުރިމަތިލާން ޖެހޭ.“ ތޯރިގު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަށްރަށުގައި އުފެދޭ ކުނި އެންމެ ރަނގަޅު ގޮތުގައި މެނޭޖް ނުކުރެވިގެން އުޅޭއިރު ގޮނޑުދޮށަށް ކުނި ލެއްގުމުން އެ ލައްގާ ކުންޏަށް ވެސް ރައްޔިތުން ޒިންމާވާން ޖެހޭ ކަމުގައެވެ. އަދި މިއީ ކައުންސިލްތަކުން މިހާރު ވަރަށް ގިނައިން ކުރަމުން އަންނަ ޝަކުވާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށު ކައުންސިލްތަކާ ގުޅިގެން މި މައްސަލަ ގާތުން ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top