އަމިއްލަ މީހަކު ށ. ފީވަކު ކައުންސިލަށް ލާފައިވާ ސިޓީއެއްގެ ޖަވާބު ނުލިބިގެން ކަމަށް ބުނެ އެރަށު ކައުންސިލު އޮފީސް ބަންދު ކުރިޔަ ނުދީ އިހުތިޖާޖު ކުރަމުންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
މިކަމުގެ ތަފްސީލު ހޯދާލުމަށް ”ތިލަދުން“ ގެ ފަރާތުން ގުޅާލުމުން ފީވަކު ކައުންސިލްގެ ރައީސް، އަލީ ރަޝީދު ވިދާޅުވި ކަމަށް ވަނީ”ތިކަމާއި ގުޅިގެން މިވަގުތު ދޭނެ ޖަވާބެއް ނެތް“ ކަމަށެވެ.
މި އިހުތިޖާޖުގައި ފަނަރަ ވަރަކަށް މީހުން ބައިވެރިވަމުން އަންނައިރު އެކަމުގައި އިސްކޮށް އުޅޭ ފަރާތުން ބުނީ އޭނާއަށް ލިބުނު ގެވަޅުގެ އިން ވަކިކުރުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން ކައުންސިލަށް ސިޓީއެއް ލައިގެން އުޅޭތާ ދިހަ ވަރަކަށް ދުވަސް ވެއްޖެ ކަމަށާއި މިފަދަ ވިއްސަކަށް ސިޓީ ކައުންސިލަށް ލައި ޖަވާބު ނުލިބޭ ކަމަށެވެ.
އޭނާ ބުނީ މި މަހުގެ 13 ވަނަ ދުވަހު ފީވަކު ކައުންސިލަށް ލީ އެ ސިޓީގެ ޖަވާބު ހޯދަން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެކިފަހަރު މަތިން ކައުންސިލް އިދާރާ އަށް ދިޔަ ނަމަވެސް އެ ސިޓީގެ ޖަވާބު މިއަދާއި ހަމައަށް ލިބިފައި ނުވާކަމަށެވެ.
އޭނާ ތުހުމަތު ކުރާގޮތުގައި އެ ސިޓީގެ ޖަވާބު ނުދީ ލަސްކުރަނީ ކައުންސިލްގެ ރައީސެވެ. ރައީސް ވިދާޅުވި ގަޑިއަށް މިއަދު ވެސް ކައުންސިލް އިދާރާއަށް ދިޔުމުން އެ ސިޓީގެ ޖަވާބު ތައްޔާރު ކުރުވުމަށްފަހު އޮފީސް ބަންދު ކުރިއިރު ވެސް ޖަވާބު ދީފައި ނުވާތީ ކައުންސިލު އިދާރާ ބަންދު ކުރިޔަ ނުދީ ސުލްހަވެރި އިހްތިޖާޖެއް ކުރަމުން ދާކަމަށް އޭނާ ބުންޏެވެ.
”އެލްޖީއޭއިން ވެސް އަތޮޅު ކައުންސިލުން ވެސް އެބަ ބުނޭ ސުލްހަވެރިކަމާއެކު މިކަން ނިންމަން، ކައުންސިލް ރައީސް މިތަނަށް ދުރުވެ އެންމެން ކުރިމަތީ މާދަމާ ޖަވާބު ދެއްވާނެ ކަމަށް އެއްބަސްވުމަށް އަޅުގަނޑު މިއެދެނީ“ އޭނާ ބުންޏެވެ.
ތިލަދުންގައި ޝާއިއުކޮށްފައިވާ މި ޚަބަރުގައި އޭނާ ބުނި ކަމަށްވަނީ ކައުންސިލް އިދާރާގައި އަދިވެސް އޭނާ އާއި އިތުރު މީހުން ތިބީ ކައުންސިލްގެ ރައީސް އެ ޔަގީންކަން ނުދެއްވައިގެން ކަމަށެވެ. އަދި އެކި ގޮތްގޮތުން ރައީސް ޖަވާބުދާރީ ކުރުވަން ކުރިމަސައްކަތް ނާކާމިޔާބުފައިވާ ކަމަށާއި، ކައުންސިލުން އެ ޖަވާބު ނުލިބޭނަމަ އެލްޖީއޭ ނުވަތަ އަތޮޅު ކައުންސިލުން ވިޔަސް އެކަމަށް ޖަވާބެއް ލިބެންދެން ކައުންސިލް އިދާރާގައި ތިބޭނެކަމަށް އޭނާ ބުނެއެވެ.
އަތޮޅު ކައުންސިލްގެ އެދުމަށް މިވަގުތު ފުލުހުން ވެސް އެތަނުގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ސިޓީގެ ޖަވާބު މާދަމާ ދެއްވާނެކަމަށް ރައީސް މިހާރު ވިދާޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.