ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގުސަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މައުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
މަޝްވަރާއަށް ފަހު، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒު، “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު”ގެ ނަމުގައި ބޭއްވުމަށާއި އަދި މި މަޢުރަޒު 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ބޭއްވެވުމަށް ވަނީ ނިންމާފަ އެވެ.
މިއީ ވާދަވެރި މާހައުލެއްގައި ބޭއްވޭ މައުރަޒަކަށް ހެދުމަށްޓަކައި، އެކި ދާއިރާތަކުން ވާދަކުރެވޭގޮތަށް މި މައުރަޒު ކުރިއަށް ގެންދެވުމަށާއި، ކްރިއެޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓް ހިމަނައިގެން މި މަޢުރަޒު ބޭއްވުމަށްވެސް ނިންމަވާފައިވެ އެވެ.
މި މައުރަޒު އިންތިޒާމު ކޮށް ހިންގުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެން ކުރިއަށް ގެންދެވުމަށް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުންވެސް އަހަރުން އަހަރަށް މި މައުރަޒު ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.