އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު: 42.6 ބިލިޔަން ރުފިޔާ

large_166719169127CAwB.jpg

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަނީ --- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 42.6 ބިލިޔަން ރުފިޔާ ކަމަށް ކަނޑައަޅައި އެބަޖެޓު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ އިސް އަމާޒަކީ ކޮވިޑް-19 ގެ އިގްތިސާދީ ކާރިސާއާ ގުޅިގެންނާއި އޭގެ ފަހުން ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން އިތުރުވެގެން ދިޔަ ހިރާސްތައް ކުޑަކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވި ކަން ކަށަވަރު ކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަންނަން ފެށުމާއެކު މިދިޔަ އަހަރާއި މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރާފައިވާ ކަމަށާއި އަދި މި އަހަރު ނިމޭއިރު ކޮވިޑް ގެ ކުރިން އިގްތިސާދު ހުރި މިންވަރަށް ވާސިލުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި އަންނަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށް، ކޮވިޑްގެ ކުރިން ހުރި މިންވަރަށް ފަތުރުވެރިކަމުގެ ސިނާއަތް ވާސިލު ވާނެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މަތިވުމާއި، ރާއްޖޭގެ ސިޔާސަތުތަކަށް ގެނެވޭ ބަދަލުތަކާއެކު ރާއްޖޭގައި އަގުތަށް މި އަހަރާއި ކުރިއަށް އޮތް އަހަރު މަތިވެ، އަންނަ އަހަރު، އިންފްލޭޝަން ރޭޓު 5.4 އިންސައްތައަށް އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.

އަންނަ އަހަރު ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީ ރޭޓު މަތިކުރުމާއި ގުޅިގެން އިތުރުވާނެ ކަމަށް ބެލެވޭ 3.7 ބިލިއަން ރުފިޔާ އާއި ޓެކުހުގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.  ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް އަންދާޒާ ކުރެއެވެ.

ސަރުކާރުން ބުނީ އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި ޖުމްލަ 11.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރު ދައުލަތުގެ ސީދާ ދަރަނި 9.2 އިންސައްތައިން އިތުރުވެ، 102.0 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ އިރު ސަރުކާރުން ޚަރަދުގެ ގޮތުގައި ހުށަހަޅާފައިވަނީ 40.1 ބިލިއަން ރުފިޔާއެވެ.

ސަރުކާރުން ބުނީ ޖުމްލަ ދަރަނި އިތުރުވާ ނިސްބަތަށްވުރެ އުފެއްދުންތެރިކަން އިތުރުވާ ނިސްބަތް މަތިވާނެ ކަމަށް ބެލެވޭތީ އޭގެ ނިސްބަތުން ޖުމްލަ ދަރަނި މިއަހަރު ނިމޭއިރު 111 އިންސައްތައިގައި ހުރުމަށްފަހު އަންނަ އަހަރު ނިމޭއިރު 108.9 އިންސައްތައަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top