ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިޒްރޭލުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިރު، އިޒްރޭލަށް ތާއީދުކުރި ކަމަށް ބުނެ ދިވެއްސަކާ ދެކޮޅަށް އަޑު އުފުލައި، ރޭ އޭނާއަށް މަގުމަތިން ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
އެއީ ކ. ތުލުސްދޫގައި ދިރިއުޅޭ ރާޅާއެޅުންތެރިޔާ އަހުމަދު އަޒްނިލް އެވެ. އޭނަ ވަނީ “އައި ސްޓޭންޑް ވިތު އިޒްރޭލު” ގެ ނަމުގައި އެ ތަނުގެ ދިދަ ޕޯސްޓްކޮށް، އިޒްރޭލުންގެ ރާޅާ އެޅުންތެރިންނަށް ތާއީދުކޮށް، އެކި ކަހަލަ ޝުއޫރުތައް އިންސްޓަގްރާމްގައި ފާޅުކޮށްފަ އެވެ.
އަޒްނިލް އަކީ ލަވަކިޔުންތެރިޔާ ޒާރާގެ ފިރިމީހާ އެވެ.
އޭނާއަށް ހަމަލާދީފައި ވަނީ އަމީނީ މަގުން ފެން ބިލްޑިން ކައިރިންނެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ އަށް ލިބުނު ޒަހަމްތަކާ ގުޅިގެން މަގުމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ.
އިޒްރޭލުގެ މީހުން ދިފާއުކޮށް އަޒްނިލް ވާހަކަ ދެއްކި އިރު، ރާއްޖޭގެ ސާފިން އެސޯސިއޭޝަނާއި ބޮޑީބޯޑިން އެސޯސިއޭޝަންގެ އިތުރުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ރާއްޖެ ގޮފި ގުޅިގެން “ބޭން އިޒްރޭލު” ގެ ނަމުގައި ޕެޓިޝަނެއް ވެސް ލޯންޗްކޮށްފައިވެ އެވެ. މިއީ އިޒްރޭލު މީހުން ރާއްޖެ އައުމާ ދެކޮޅު ޕެޓިޝަނެކެވެ.
މިދިޔަ މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމަކީ ދިވެހި ރާއްޖެ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު 10،000 އާ ގާތްކުރެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.