ބީއެމްއެލް އިން، ބައެއް ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ދަށްކޮށްފި

Bank-Of-Maldives-780x405.jpg

ބީއެމްއެލް އިން ދޫކުރާ ޕާސަނަލް އަދި ހައުސިން ލޯންތަކުގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފި އެވެ.

މި ބަދަލާއެކު ކުރިން 18 ޕަސެންޓުގެ އިންޓްރެސްޓެއްގައި ދޫކުރަމުން ދިޔަ ބީއެމްއެލް ލުއި އެކްސްޕްރެސް ލޯންގެ މިހާރުގެ އިންޓްރެސްޓް ރޭޓަކީ15 ޕަސެންޓެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ އެވެ.

ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓްވެސް މިވަނީ 12 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ. ލުއި މައިކްރޯގެ އިންޓްރެސްޓް ރޭޓު ކުރިން ހުރީ 13 ޕަސެންޓުގަ އެވެ.

އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް މިހާރު 15 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި ލިބޭނެ އެވެ. އަދި 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްފަދައިން ރަހުނަކާއެކު 12 ޕަސެންޓުގެ އިންޓްރެސްޓްގައި ބީއެމްއެލްއިން ލޯނު ދޫކުރަމުންދާނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިންޓްރެސްޓް ރޭޓްވެސް 10 ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ. މިއީ ހައުސިން ލޯނަކަށް ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ. މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާޗޭސް ލޯން (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 ޕަސެންޓު އަމިއްލައަށް ހަރަދުކޮށްފައިވާ ޕްރެޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށެވެ.

ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނުގެ އިންޓްރެސްޓް ވެސް ވަނީ 10.5 ޕަސެންޓާ ހަމައަށް ކުޑަކޮށްފަ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރު އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މި ބަދަލުގެ ސަބަބުން އަގުތައް 15 ޕަސެންޓް ކުޑަ ކުރެވޭނެ ކަމަށެވެ.

“ބޭންކުގެ ލޯނު ޕޯޓްފޯލިއޯ އަށް މިވަނީ ހެޔޮ ބަދަލު ތަކެއް ގެނެވިފަ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަނަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއި ފަސޭހަވެގެން ދާނެ. އަދި ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯގެ ރޭޓްތައް ވެސް މިވަނީ އެއް ނިސްބަތަކުން ދަށްކުރެވިފައި،” ނިމާލް ވިދާޅުވި އެވެ.

މީގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސިން އަށް ވެސް ބަދަލުތަކެއް ގެންނަން ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ. އެ ބަދަލުތައް ވެސް ލަހެއްނުވެ ބޭންކުން ހާމަކުރާނެ ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top