ތުޅާދޫގައި ނިމިފައިހުރި ފްލެޓްތައް ދޫނުކޮށްގެން ކައުންސިލް އިދާރާއަށް ވަދެ މުޒާހިރާ ކުރަނީ

large_1758180209529FYP.jpg

ތުޅާދޫ ކައުންސިލް އިދާރާގެ ތެރޭގައި މުޒާހަރާ ކުރަނީ---

ބ. ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ, ރޯހައުސްތައް ދޫކުރުން ލަސްވާތީ އެކަމާ ނުރުހުން ފާޅުކޮށް، ކައުންސިލް އިދާރާގައި މުޒާހަރާ ކުރާތީ ކައުންސިލްގެ ހިންގުން މިއަދު މެދުކަނޑާލައިފިއެވެ.

އެ މުޒާހަރާގެ ބައިވެރިއަކު ދުވަހު ނޫސް ‘ސަން’އަށް ބުނީ، މުޒާހަރާ ފެށީ އެރަށުގައި އިމާރާތްކޮށްފައިވާ 100 ރޯހައުސްތައް ލިބޭނެ މީހުންގެ ދާއިމީ ލިސްޓު މިއަދު އިއުލާނުކުރާނެ ކަމަށް ބުނެފައި އެކަން ނުކުރުމުން ކަމަށެވެ.

ރެއިން ފެށިގެން އެ މުޒާހަރާ ކުރަމުން އަންނައިރު، މިއަދު ހެނދުނު ތުޅާދޫ ކައުންސިލް ހުޅުވުމާއެކު ރައްޔިތުންގެ ތެރެެއިން ބަޔަކު އެތަނުގެ ތެރެއަށް ވަދެ, ވަނީ މުޒާހަރާ ކުރަން ފަށާފައެވެ.

އޭނާ ބުނީ، ރޭ ކައުންސިލްގައި އެކަމާ ގުޅޭ ބައްދަލުވުމެއް ބޭއްވި ނަމަވެސް ލިސްޓު އިއުލާނު ނުކުރާ ކަމަށެވެ. ކައުންސިލަށް ލިސްޓު ނުނެރެވުނީ، އެކަމާ ގުޅޭ ހުކުމެއް އޮތްކަން ރޭ ކައުންސިލަށް އެނގުމުން ކަމަށެވެ.

“މިހާރު ޑިމާންޑަކީ ފުލެޓުތައް ދިނުން ރައްޔިތުންނަށް، އެނޫން ގޮތަކަށް މިތަނުން [ކައުންސިލް އިދާރާ އިން] ނުނިކުންނަ ގޮތަށް މިތިބީ. ދާއިމީ ލިސްޓު އިއުލާނު ކުރުން އޮތީ ކައުންސިލަށް,” މުޒާހަރާގެ ބައިވެރިޔާ ބުންޏެވެ.

ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ވިދާޅުވީ، އެ ރޯހައުސްތަކުގެ ލިސްޓު އާންމު ކުރުމާމެދު ގޮތެއް ނިންމުމަށް އެކަމާ ގުޅޭ ކޮމިޓީގެ ނިންމުން ރޭގެ ބައްދަލުވުމުގައި ފާހެއް ނުވި ކަމަށެވެ.

އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމާ އެއްކޮށް މަސައްކަތް ކުރަމުން ދަނީ، ވީއެންމެ އަވަހަކަށް އިތުރު ޖަލްސާއެއް ބާއްވައިގެން އެކަމާ މެދު ގޮތެއް ނިންމަން ކަމަށް މުހައްމަދު އަލިމަނިކު ވިދާޅުވިއެވެ.

އެކަމާ ބެހޭ ބައްދަލުވުމެއް ބާއްވަން މާދަމާގެ ރޭ 22:30 އަށް މިހާރު ކައުންސިލުން ތާވަލުކޮށްފައި އޮތް ނަމަވެސް އޭގެ ކުރިން ބައްދަލުވުމެއް ބާއްވަން ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެކަމަށް ގޮތެއް ނިންމުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ހިމެނޭހެން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ވާހަކަދައްކަމުން އަންނަކަން މުހައްމަދު އަލިމަނިކު ފާހަގަކުރެއްވިއެވެ.

މުޒާހަރާގެ ބައިވެރިން އަޑުގަދަކުރުމާއެކު އިދާރާގައި ޖާގައިގެ ދަތިކަން ހުރުމާ އެއްކޮށް ކައުންސިލްގެ ހިންގުން މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޖާގައިގެ ދަތިކަން ހުންނަ ގޮތުންނާއި އަޑުގަދަކޮށް ހަޅޭއްލަވަންޏާ ނަފުސާނީ ގޮތުން ވެސް މުވައްޒަފުންނަށް ބިރުވެރިކަން ލިބޭނެތީ ކެބިންތަކުން މުވައްޒަފުން ބޭރުކޮށްގެން ދެކުނު ފަރާތުގައި އޮންނަ ސަރަހައްދެއްގައި މަޑުކޮށްލައިގެން މިތިބީ” އޭނާ ވިދާޅުވިއެވެ.

ތުޅާދޫގައި އޮންނަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top