އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑި އަވަސްކޮށް 7 ޖަހާއިރު ފަށާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގައި އީދު ނަމާދުގެ ޖަމާއަތް ފަށަނީ ހެނދުނު 7:30 ގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިން ތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީ އާއި، އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭތީ، ހޫނު ގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށެވެ.
ކީރިތަ ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުން ވެސް އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައި ކަން ފެންނަން އޮންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރަސޫލާގެ ސުންނަތަށް ތަބާވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީ އާއި އާންމު މަސްލަހަތަށް ރިޔާއަތް ކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިޔާއަތްކޮށް، މިއަހަރުން ފެށިގެން ފިތުރު އީދު އަދި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑިއަކީ ހެނދުނު 7:00 ކަމުގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ނިންމުން ނިންމާފައިވަނީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި، ފަލަކީ ހިސާބުތަކާ ބެހޭ ކޮމިޓީއާ މަޝްވަރާ ކުރުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.