ރޯދަމަހުގެ ކަރަންޓާއި ފެން ބިލު ބޮޑު ނުވާނެ ގޮތަށް ކެޕްކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ރައްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ބ.އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރޯދަ މަހަކީ އާންމުކޮށް ވެސް ކަރަންޓް ބިލާއި ފެން ބިލު ބޮޑުވާ މަހެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަހުން ފެށިގެން ދެން ރޯދަ މަހު ބިލްތައް ބޮޑު ނުވާނެ ކަމަށެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށާއި، މިގޮތުން ރޯދަމަހު ފެނާއި ކަރަންޓް ބިލް ބޮޑުނުވާނޭ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން ގޮތްތަކެއް ނިންމަވާފައިވާކަމަށެވެ. މިގޮތުން އާއްމު މަސްމަހު ގޭގެ ބިލްތަކަށް އަރާ އަދަދު ރޯދަމަހު ބޮޑުނުވާނޭ ހެން ބިލްތައް ތައްޔާރުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ގައުމީ ކަރަންޓް ކުންފުނިން އަތޮޅުގެ ރަށްތަކުގެ ޔުޓިލިޓީ ބިލްތަކުން ނަގަމުން އަންނަ ސަރޗާޖުވެސް އުވަލާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އެ ކުންފުންޏަށް އަންގަވާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ހަދިޔާ ކުރާނެ ކަމަށާއި އެއީ ވެސް ރައްޔިތުންނަށް ކޮންމެ ވެސް މިންވަރެއްގެ އެހީތެރިކަމެއް ދިނުމަށް ކުރާ ކަމެއް ކަމަށެވެ.
ރޯދަމަހު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ގޭބީސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހަދިޔާ ކުރެއްވުމަށް ނިންމަވާފަ އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފުށާއި ހަނޑުލުގެ ޝިޕްމަންޓްތައް ރާއްޖެ ލިބި، ކައުންސިލްތަކުން އެ ތަކެތި ބެހުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި މިއީ މި އެހީ ބެހުމުގައި ފަގިރުންނާއި ނިކަމެތިންނަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ.