ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް

405541_3_7034514dfb4d1877210e54ba46edb91de932fcd2_large.jpg

ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރަން އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިޚާބު ކޮށްފި އެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި މުގައްރިރަކަށް ސަލީމް އިންތިޚާބުކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިޚާބުކުރީ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ސަލީމަކީ މާލިއްޔަތު ކޮމިޓީގެ ވެސް މުގައްރިރެވެ.

މިއަދުގެ ކޮމިޓީގައި ވަނީ ބަޖެޓު ދިރާސާކޮށް ނިންމަން ސުންގަނޑިއެއްގެ ގޮތުގައި މިމަހުގެ 19 ވަނަ ދުވަސް  ކަނޑައަޅައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.

ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top