ކޮވިޑް 19އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސް އިން ވެސް ޚާއްސަ އޮފާތަކެއް ތައާރަފު ކޮށްފިއެވެ.
އުރީދޫން ބުނީ، އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ޑަބަލް ޑޭޓާ، ހިލޭ ވައިބާ އަދި ހިލޭ ފޭސްބުކް ފަދަ ހާއްސަ އޮފާތަކެއް ހިމެނޭނެ ކަމަށެވެ.
ހާއްސަ އޮފާތައް އަލުން ފޯރުކޮށްދިނުމަށް ނިންމީ، ކޮވިޑް19 އާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތެއް ލިބުމަކީ މުހިންމު ކަމެއްކަމުގައި ދެކިގެން ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ، އުންމީދަކީ އުރީދޫން ފޯރުކޮށްދޭ އާ އޮފާތަކާއެކު އެކަކު އަނެކަކާ ގުޅުވާލަދީ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން ކަމަށެވެ.
“މިއަދު އަޅުގަނޑުމެން އަނެއްކާވެސް އާ ރާޅަކާ ކުރިމަތިލަމުންދާ ހިނދު މި ލޯންޗު ކުރެވުނު ހާއްސަ އޮފާތަކާ އެކު އަޅުގަނޑުމެންގެ އުންމީދަކީ އެކަކު އަނެކަކާ ގުޅުވާލަދީ ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން،” ނިޔާޒް ވިދާޅުވިއެވެ.
ޖޫން ދެވަނަ ދުވަހުން ފެށިގެން ލިބޭ ހާއްސަ އޮފާތައް
– ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
– ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
– ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަގާ ފަރާތްތަކަށް 200 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބުން( މި އެޑް-އޮންތައް މިހާރު ‘ވަރަށް ތަފާތު’، ‘އެކު ޕޯސްޓްޕެއިޑް’ އަދި ‘އާޗާ ޕޯސްޓްޕެއިޑް’ ގެންގުޅޭ ފަރާތްތަކަށްވެސް ލިބޭނެ).
– ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަގާ ފަރާތްތަކަށް 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
– ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
– 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބާ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު ‘އެކު ޕޯސްޓްޕެއިޑް’، ‘ތަފާތު ޕޯސްޓްޕެއިޑް’ އަދި ‘އާޗާ ޕޯސްޓްޕެއިޑް’ އަކަށްވެސް އަޕްގްރޭޑް ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި އާޗާ އެއް ޖީބީ/ޑޭ ޕްލޭންސްއަށް ދެގުނަ ޑޭޓާ ލިބޭނެ އެވެ. އެގޮތުން ދުވާލަކު ދެ ޖީބީ ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މަގޭ ޕްލޭން އެކްސްކްލޫސިވް އޮފާ އާއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ޕަސެންޓަށް ވުރެ ގިނަ ޑޭޓާ ލިބޭއިރު، ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވޭނެ އެވެ.