ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ހިލޭ ޑިގްރީ ސްކީމުގެ ދަށުން 11،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަން ފެށި ނަމަވެސް، އޭގެ ތެރެއިން ކޯސް ފުރިހަމަކޮށް ނިންމާފައިވަނީ 50 އިންސައްތަ ދަރިވަރުންކަން އޮޑިޓު ރިޕޯޓަކުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައި ވަނީ، ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގައި ކަންކަން ހުރި ގޮތް ބަލާފައެވެ.
އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، އެމްކިއުއޭއާއި ކިޔަވައިދޭ މަރުކަޒުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2019 އާއި 2022 އާ ދެމެދު މި ސްކީމުގައި 11،641 ދަރިވަރުން ބައިވެރިވިއެވެ. ނަމަވެސް އޭގެ ތެރެއިން ކޯސް ނިންމާފައިވަނީ އެންމެ 5،833 ދަރިވަރުންނެވެ. އަދި 2,779 ދަރިވަރުންގެ މައުލޫމާތު ލިބިފައިނުވާތީ އެ ދަރިވަރުން ޕްރޮގްރާމް ނިންމިކަން ނުވަތަ ނޫންކަން އޮޑިޓް އޮފީހަށް ޔަގީން ކުރެވިފައެއް ނުވެއެވެ.
މީގެ އިތުރުން، ކޯސް ފުރިހަމަނުކޮށް ކިޔެވުން ހުއްޓާލި 790 ދަރިވަރުންނަށް 19 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ފައިސާ އަނބުރާ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އަދި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ 271 ދަރިވަރަކަށް، އުސޫލާ ޚިލާފަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިފަދަ ކަންކަން ދިމާވީ ސްކީމަށް އެދޭ ދަރިވަރަކީ ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއްތޯ ބެލޭނެ މަރުކަޒީ ނިޒާމެއް ގާއިމުކޮށްފައި ނެތުމުންނެވެ.
މިނިސްޓްރީން ދަރިވަރުންނަށް ފައިސާ ދޫކުރަނީ ކުރިއަށް އޮތް ހަ މަހަށް ނުވަތަ ސެމިސްޓާއަކަށް އެޑްވާންސްކޮށް ކަމަށްވާތީ، ފައިސާ ދައްކާ ނިންމި ހުރިހާ ދަރިވަރުންނަކީ ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ނުވުން އެކަށީގެންވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓުގައި ބުނީ، ސްކީމުގެ ދަށުން ދަރިވަރަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް ދޫކުރުމުން ޕްރޮގްރާމު ފުރިހަމަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު، މިނިސްޓްރީން ދަރިވަރުންނަށް ދޫކުރަނީ، ކުރިއަށް އޮތް ހަ މަހަށް ނުވަތަ ސެމިސްޓާއަކަށް އެޑްވާންސްކޮށް ކަމަށްވާތީ، ފައިސާ ދައްކާ ނިންމި ހުރިހާ ދަރިވަރުން ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ނުވުން އެކަށީގެންވާ ކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން، ޕްރޮގްރާމު ފުރިހަމަކޮށްފައިވާ އަދި ނުކުރާ ދަރިވަރުންގެ މައުލޫމާތު ފުރިހަމައަށް ދެނެގެނެވެން ނެތް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.





