ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރުމުގެ ބިލް ރައީސް، ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރެއްވީ ބަންޑާރަ ނައިބު، އަހުމަދު އުޝާމް ގެ ލަފާއާއި އެކުގައެވެ.
މިބިލް ފުރަތަމަ ފަހަރަށް ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހަށް ފޮނުވުމުން މިމަހުގެ 26 ވަނަ ދުވަހު އެވެ. ބިލް ތަސްދީގު ނުކުރައްވައި ރައީސް ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ވިދާޅުވެ، ފަސް ކަމެއް ފާހަގަކުރެއްވުމަށް ފަހު އެވެ. ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްވުމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބެ އެވެ.
އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ. ދެވަނަ ފަހަރަށް މަޖިލީހުން ބިލް އިއްޔެ ފާސްކޮށްފައިވާ އިރު، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ބުނަނީ ބިލް ވަގުތުން ތަސްދީގު ކުރަން ރައީސަށް ލާޒިމް ކަމަށެވެ.
ނަމަވެސް، ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެފައިވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް ކަނޑައެޅި ކަނޑައެޅުން ގާނޫނުއަސާސީއާ ޚިލާފު ކަމަށެވެ. އަދި މިއަދު ސުޕްރީމް ކޯޓުންވެސް އެފަދައިން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެމަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާތީ، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ ފަސް ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވައި އޭޖީ ވިދާޅުވީ ރައީސަށް ނޫނީ ލަފާ ދެއްވުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.