ދިވެހި ދަރިވަރަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބާއެކު ޝާއިން ތާރީޚު ތެރެއަށް!

Shain03.jpg

އޭލެވެލް އިމްތިހާނުގައި މިހާތަނަށް ދިވެހި ދަރިވަރަކު ހޯދި އެންމެ ބޮޑު ކާމިޔާބާއެކު ބ.އޭދަފުށީ އޯކިޑްވިލާ، ޝާއިން މުހައްމަދު ރިފްއަތުގެ ނަން ތާރީޚުގައި ލިޔެލައިފި އެވެ.

ސީއެޗްއެސްސީގެ ދަރިވަރު، ޝާއިން ވަނީ އޭލެވެލްގައި ބައިވެރިވި ހަތަރު މާއްދާގެ ތެރެއިން ތިން މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ، އަނެއް މާއްދާއިން އެންމެ މާކުހެއް މަދުވެގެން މުޅި ދުނިޔެއިން ދެވަނަ ހޯދާފައެވެ.

ސީއެޗްއެސްސީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ، ޝާއިންގެ މި ކާމިޔާބީ ސިފަކުރައްވަނީ އެ ސްކޫލްގެ ތާރީޚުގައި ވެސް ލިބުނު އެންމެ މަތީ ނަތީޖާގެ ގޮތުގަ.

ޝާއިން އަކީ އާދަޔާ ޚިލާފަށް ތޫނު ކުއްޖެކެވެ. އެކަން އޭނާ ވަނީ އޯލެވެލް އިމްތިހާނުގައިވެސް ދައްކާފަ އެވެ. އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއިރު، ނުވަވަނަ މާއްދާއެއްގެ ގޮތުގައި އަމިއްލައަށް އެކައުންޓިންގ ހަދައިގެން އެ މާއްދާއިން ވެސް އޭނާ ހޯދީ އޭ ސްޓާ އެކެވެ.

ސީއެޗްއެސްއީން އޭނާ ކިޔެވީ އިސްލާމާއި ދިވެއްސާއި މެތްސްއާއި ފިޒިކްސްއާއި ކެމިސްޓްރީއެވެ. އޭގެ ތެރެއިން މެތްސްއާއި ފިޒިކްސްއިން މުޅި ދުނިޔެއިން އެއްވަނަ ހޯދީ ކޮންމެ ޔުނިޓަކުން ސައްތައިން ސައްތަ މާކްސް ހޯދައިގެންނެވެ. ކެމިސްޓްރީން ދުނިޔެއިން ދެވަނަ ލިބުނީ އެންމެ މާކުހެއް މަދުވެގެންނެވެ. އޭލެވެލްގައި ދެން ހެދީ ފާދަރ މެތަމެޓިކްސްއެވެ. އަމިއްލަ ގޮތުން އެ މާއްދާގައި ބައިވެރިވެ ހުރިހާ ޔުނިޓަކުން ސައްތައިން ސައްތައާއެކު އެ މާއްދާއިން ވެސް ދުނިޔެއިން އެއްވަނަ ހޯދިއެވެ. އިސްލާމާއި ދިވެހިން ލިބުނީ އޭ ސްޓާރއެކެވެ.

މިހާ މަތިވެރި ކާމިޔާބެއްހޯދި ގޮތާބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާއިން ބުނީ ބުނީ އޭނާ ކިޔަވަނީ ހަމަހިމޭން ވަގުތު ތަކުގައިކަމަށެވެ. އެންމެން ނިދައި ހަމަހިމޭން ވުމުން އެވަގުތު ތަކުގެ ބޭނުން ހިފައިގެން އިންނަނީ ކިޔަވާށެވެ އަޑުގަދަ މާހައުލަކީ ކިޔެވުމަށް އެންމެ އެކަށޭނެ މާހައުލެއް ކަމަކަށް ނުދެކޭތީ އެފަދަ މާހައުލެއް ގޭތެރޭގައި ބޭއްވުމަށް މަންމައާއި ބައްޕަ ވަރަށް ބޮޑު އިސްކަމެއް ދިން ކަމަށް ޝާއިން ބުންޏެވެ.

މައިން ބަފައިންނާ އެކު މާލޭގައި ދިރިއުޅޭ ބ.އޭދަފުއްޓަށް ޝާއިން ސާނަވީ ތައުލީމު ނިންމީ ޖަމާލުއްދީން ސްކޫލުންނެވެ.

އޭލެވެލްއަށް ކިޔަވަން ފެށިއިރު ޝާއިންގެ އުއްމީދަކީ ރައީސްގެ ސްކޮލަރޝިޕް ހޯދައިގެން އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމެވެ. އެކަން އޭނާއަށް ހާސިލު ވެއްޖެ އެވެ. މިފަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އޭޝިޔާއިން ފުރުސަތު ލިބުނު ހަތަރު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ ޝާއިންއެވެ.

”މަންމަ، ކިޔަވާށޭ ބުނީމާ ފޮތެއް ނަގައިގެން އިނދެ ކިޔެވިޔަސް ކާމިޔާބެއް ނުވާނެ. އުއްމީދެއް ނޫނީ ލަނޑުދަނޑިއެއް އޮވެގެން އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކޮށްގެން ކިޔަވަންޏާ ކާމިޔާބު ލިބޭނީ“ ޝާއިން

ކުޑައިރު ވާހަކަ ފޮތް ކިޔުމުގައި ގިނަ ވަގުތު ހޭދަކުރިޔަސް އޯލެވެލްއާ ހިސާބުން ޝާއިން ހޯދާ ބަލަން ފެށީ ކިޔަވަމުންދާ މާއްދާތަކާ ގުޅޭ މައުލޫމާތެވެ. އެ މައުލޫމާތު ހޯދުމުގައި ގިނަ ވަގުތު ހޭދަކުރީ ޔޫޓިއުބާއި ވިކިޕީޑިއާގެ ތެރޭގައެވެ.

ޝާއިން ހޯދި ނަތީޖާ ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް އޭނާ ދޭން ބޭނުންވާ ނަސޭހަތަކީ ޓީޗަރުން ކިޔަވައިދޭ ގަޑީގައި ދޭހަވާ ވަރަށް އޭގެ ތެރެއަށް ވަނުން ކަމަށާއި އިތުރު މައުލޫމާތު ހޯދަން ވާނީ އަމިއްލައަށް ކަމަށެވެ.

ޝާއިންގެ ކާމިޔާބީގައި މަންމައާއި ބައްޕައާއި އާއިލާގެ މީހުންގެ ހިއްސާ ބޮޑުކަން ފާހަގަކުރަމުން ބުނީ މަންމަމެން ކޮންދިން ކަންތައްތަކާއި ކިޔެވުމަށް ދެއްވި ހިތްވަރާއި ދިން ނަސޭހަތަކީ މާދަމާ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއަކުން ކިޔެވިޔަސް ހަނދާން ބަހައްޓަންޖެހޭ ކަންތައްތައްކަމުގައެވެ.

ޝާއިން ،ބައްޕައާއި މާމަގެ އިތުރުން މަންމައާއެކު-

ޝާއިންގެ އިމްތިހާން ފެށުނުއިރު، މަންމައާއި ބައްޕަ ރާއްޖޭގައި ނެތެވެ. ނަމަވެސް އެވަގުތު އެޒިންމާ އަދާކުރީ މާމަ ޝާފީގާ ކަމުގައި ބުނަމުން ޝާއިންގެ ލޯތްބާއި ޝުކުރު މާމަ އަށް ރައްދުކުރީ މިހެން ބުނަމުންނެވެ. ”މާމަގެ ލޯތްބާއި ކުލުނާއެކު ކޮށްދިން މަސައްކަތްތަކުގެ ނަތީޖާ މިއީ. މާމައަކީ ހަމަ ބެސްޓް. “

(މައުލޫމާތު: ދަރިވަރު )

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު