ކުރިއަށް އޮތް ދެތިން މަސް ދުވަހަކީ އިގްތިސާދީ ގޮތުން އުދަނގޫ ދަތި ދުވަސް ތަކަކަށް ވެގެން ހިނގައިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ގުރައިދޫއަށް މިއަދު ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތިން މަސް , މާލީ ގޮތުން ދަތި އަދި ހައްސާސް ދުވަސް ވަރަށް ވިޔަސް އޭގެ ފަހުން ޖުލައި ހިސާބުގައި އިގްތިސޯދު ރަނގަޅުވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު ދުވަހަކުވެސް ވައްޓާނުލާ ވަރުގެ ފުން އަނދަކަށް ވަޅަކަށް ވައްޓާލާފައިވާ ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ބަލާއިރު އެ ހަގީގަތް ރައްޔިތުން ގަބޫލުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
”މި ނިމިދިޔަ ސަރުކާރުން ވާރުތަވީ އިގުތިސާދީ ހާލަތު އޮތް ގޮތަކީ އެއީ ހަގީގަތެއްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ދުވަހަކު ވެސް ރާއްޖޭގެ އިގްތިސާދު ވައްޓައިނުލާ ވަރުގެ އަނދަވަޅަކަށް ވައްޓައިލައިފައި އޮތްކަން އެއީ އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތް،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ޖީބަށް ފައިދާވެ، ފުދުންތެރިވާހެން މަސައްކަތްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި، ވާރުތަވެފައިވާ އިގުތިސާދީ ދަށް ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް މިއަދުގެ ހާލަތާ އެކު ކޮންމެ ރަށަކުން ވެސް ރައްޔިތުން އެ ރަށެއްގައި ހިންގަން އެންމެ އިސްކަންދޭ ތަރުތީބުން މަޝްރޫއުތައް ތަރުތީބުކުރުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.
ހަމައެއާ އެކު ކުރިއަަށް ވެސް އޮތީ އިންތިޚާބީ މޫސުމެއް ނަމަވެސް، އިންތިޚާބާ ދިމާކޮށް ކަޑަޖައްސަވައި، މަޝްރޫއުތައް އިއުލާނު ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“ހަގީގީ މާނައިގައި ތަރައްގީ ގެނެސްދޭން އަޅުގަނޑު ބޭނުންވަނީ. އެހެންވީމާ އަޅުގަނޑު މި ދެންނެވި ގޮތަށް އަޅުގަނޑުމެން ކުރިއަށް ދާކަމުގައި ވަންޏާ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް މަގުތައް ދާނީ އުޖާލާވަމުން،” ރައީސް ވިދާޅުވިއެވެ.