ދެވަނަ ޓާމުގެ ކިޔެވުން ފެށީ ގައުމީ ސަލާމުން

DSCN9866-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން --އީވީ ފައިލް ފޮޓޯ

ފުރަތަމަ ޓާމު ބަންދަށް ފަހު، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދެވަނަ ޓާމުގެ ކިޔެވުން ގައުމީ ސަލާމުން މިއަދު ފަށައިފި އެވެ.

ޖެނުއަރީ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފަށާއިރު ވެސް ގައުމީ ސަލާމުން ފައްޓަން އަންގާފައި ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ރައީސް އެ ނިންމުން އިއުލާންކުރެއްވީ، ކެބިނެޓުގެ ބައްދަލުވުމަކަށް ފަހުއެވެ.

އެމަނިކުފާނު އޭރު ވިދާޅުވީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި ގައުމީ ސަލާމުން ކިޔެވުން ފަށަން ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދިވެހި ދަރިވަރުން ހެދުމުގެ ގޮތުން ކަމަށެވެ. އަދި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ދަރިންތަކަކަށް އެ ކުދިން ހެދުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެސެމްބްލީ އޮންނަ ދުވަސްތަކުގައި ގައުމީ ސަލާމުން އެސެމްބްލީ ނިންމައެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކު ވެސް ގުރުއާން ކިޔެވުމަށް ފަހު ގައުމީ ސަލާމް ކިޔާނެއެވެ.

މި އަހަރު ރާއްްޖޭގެ ސްކޫލުތަކުގައި 84،200 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top