އޭދަފުށީގައި މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގެ ”ޓީޓީއެޗް ކޮންޓެކްޓް ސެންޓަރ“ހުޅުވައިފި އެވެ.
މިސެންޓަރު ހުޅުވައިދެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިންގޑިރެކްޓަރު އޭދަފުށި ޗާނދަނީގޭ އަހުމަދު ނަޒީރެވެ. މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލް މެންބަރުންނާއި އާއްމު ބައެއް ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.
ނަޒީރުގެ އަމިއްލަ ޚަރަދުގައި އޭދަފުށީގައި އަޅުއްވާދެއްވާފައިވާ ބައިނަލްއަގްވާމީ ފެންވަރުގެ ފުޓްބޯޅަ ސްޓޭޑިއަމްގެ ބައެއްގައި އިމާރާތް ކޮށްފައިވާ މި ކޮންޓެކްޓް ސެންޓަރު ހުޅުވުމާއެކު ޓްރީޓޮޕް ހޮސްޕިޓަލުން ޚިދުމަތް ހޯއްދަވަން ބޭނުންވާ ޚާއްސަކޮށް އޭދަފުށީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިންގ އޮފިސަރު، އާދިލް މޫސާ ވިދާޅުވި އެވެ.

ޓީޓީއެޗް ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުންނާއެކު ހޮސްޕިޓަލުގެ އެމްޑީ.އަހުމަދު ނަޒީރު އާއި ބައެއް އިސްވެރިން
”ޓްރީޓޮޕް ހޮސްޕިޓަަލަށް ޑޮކްޓަރަށް ދައްކާނަމަ ވެސް ފުރަތަމަ ޖެހޭނީ އެތަނުގައި ހުންނަ ކޯލް ސެންޓަރަށް ދާން ނުވަތަ ގުޅަން. އެކަމަކު އޭދަފުށީގައި ހުންނަ ކޮންޓެކްޓް ސެންޓަރުންވެސް ހަމަ މި ޚިދުމަތް ދޭން މިފެށީ. އެހެންވީމާ ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވިގެން ދާނެ. ހަމައެހެންމެ ކޮމިއުނިޓީތަކަށް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބައިވެރިވުން އޮތްކަން އަންގައި ދިނުންވެސް މެ.“ އާދިލް ވިދާޅުވި އެވެ.
އާދިލު އިތުރަށް ވިދާޅުވީ އޭދަފުށީ ކޮންޓެކްޓް ސެންޓަރު ހުޅުވުމުން ރަށުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްް ވެގެން ހިނގައްޖެ ކަމަށާއި ސެންޓަރުގައި އޭދަފުށީގެ 11 މީހުން ވަޒީފާ އަދާކުރަމުން އަންނަ ކަމުގަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެކެވެ. މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ޚިދުމަތްތައް ތައާރަފު ކުރަމުންނެވެ.