ރައީސްގެ އިިލްތިމާސް: ފަތިސްނަމާދުގެ ޖަމާއަތް ހީނަރުވިޔަ ނުދެއްވާ!!

GBfNQWhaUAAG2mV.jpeg

ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަތުމަށާއި ފަތިސްނަމާދުގެ ޖަމާއަތް ހީނަރުވިޔަ ނުދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ގާނޫނު ނަގަހައްޓައި، އިސްލާމްދީނަށް ނަސްރުދީ އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހައި ދިވެހީން އަހުލުވެރިވާން ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އެއް ތަނބަކީ ފަރުޟު ފަސް ނަމާދު ކަމަށާއި އެހެންކަމުން، ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

“ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާއަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުއާއެއް. ޝައްކެއްނެތް. ނަމާދުގެ ޖަމާއަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ގައުމު ނިކަން ވަރުގަދަވާނެ. އުފާވެރިވާނެ. ބާއްޖަވެރިވާނެ،” ރައީސް ވިދާޅުވި އެވެ.

އިސްލާމީ މަފުހޫމަކުން ބަލާނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމަށާއި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

“އިރާދަކުރެއްވިއްޔާ އެ ގޮތުގައި އަޅުގަނޑު ދެމި ހުންނާނަން. ދިވެހި މުޖުތަމައު ފަސާދަކުރާ ހުރިހައި އިޖުތިމާއީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތް ކުރާނަން. އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ނުހަނު ލޯބިވަން. ރައްޔިތުންގެ ސަލާމަތާއި ދެދުނިޔޭގެ ބާއްޖަވެރިކަމާ މެދު އަޅުގަނޑު ވަރަށް ފިކުރުކުރަން. އެ ކަމަށް ޓަކައި އަޅުގަނޑު އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންނަށް ޓަކައި އަދި ﷲގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑު އަދާކުރާނަން،” ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށާއި ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ލަދު ހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ އެއްވެސް މިންގަނޑެއް ނެތި ހުޅުވާލެވިފައިވާ މައިދާނެއް ކަމުގަ އެވެ. އަދި މި ނާތަހުޒީބު މައިދާނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ވެރިޔާގެ މައްޗަށް ލާޒިމު ކުރާ ކަމަށެވެ.

މީގެ އިތުރުން ރައީީސް ވިދާޅުވެފައި ވަނީ އެފަދަ ވިޔާނުދާ ކަންކަމަށް ދެވި ހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުވެ، ލޮޑު ވެގެން ދާނެ ކަމެއް ކަން ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ކަމަށެވެ. ހަމަ އެހެންމެ އެކަމަކީ އިންސާނާގެ އުފެއްދުންތެރިކަން މަރާލައި، ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ޣަަރަގުކޮށްލާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top