ކިހާދޫ އާމިސްކިތް މިއަހަރު ފަހުކޮޅު ހުޅުވޭވަރުވާނެ – ކިހާދޫ ކައުންސިލް

IMG-526963a570d84cfd111e5198ac7a9aa4-V.jpg

ކިހާދޫގައި އިމާރާތް ކުރާ އާ މިސްކިތް : އަހަރު ނިމުމުގެ ކުރިން މަސައްކަތް މުޅިން ނިމޭނެކަމަށް ކައުންސިލުން އުއްމީދު ކުރޭ

އިސްލާމިކް މިނިސްޓްރީން ބ. ކިހާދޫގައި އަޅަމުން އަންނަ އާމިސްކިތުގެ މަސައްކަތް ކުރިޔަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި ނިމި ބޭނުންކުރަން ފެށޭނެކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މަސައްކަތްފެށި މި މިސްކިތް ތަފާތު މައްސަލަތަކާ ގުޅިގެން އެތައްއަހަރެއްވަންދެން މެދުކެނޑިފައި އޮތުމަށް މަށްފަހު އެމިސްކިތް ނިންމުމުގެ މަސައްކަތް ފެށީ މިއަހަރުގެ ތެރޭގައެވެ.

ކިހާދޫ ކައުންސިލުން ބުނީ މިސްކިތުގެ މައިގަނޑު ހުރިހާ މަސައްކަތެއްވެސް މިހާރުވަނީ ނިމިފައެވެ. އެކައުންސިލްގެ ޒިންމާދާރުވެރިޔާ އަހްމަދު ނަސީމް އީވީއަށް ވިދާޅުވީ މިވަގުތު މިސްކިތުގެ މަސައްކަތުގެ ތެރެއިން ކުރެވެމުންދަނީ ފިނިޝިންގެ މަސައްކަތް ކަމަށާ، ޑިސެމްބަރ މަހުގެ ތެރޭގައި  މަސައްކަތް މުޅިން ނިންމާލެވޭނެކަމަށެވެ.

“ދެން ގާތްގަނޑަކަށް އެހުރީ މައިގަނޑު ހުރިހާ މަސައްކަތެއް ނިމިފައި. މިހާރު ކުރެވެމުން އެދަނީ ފިނިޝިންގެ މަސައްކަތްތައް. އާއަހަރާއެކު މިސްކިތް ބޭނުންކުރަން ފެށޭނެ އިރާދަކުރެއްވިއްޔާ”

ނަސީމް ވިދާޅުވީ 500 މީހުންގެ ޖާގައިގެ އާމިސްކިތް ބޭނުންކުރަން ފެށުމާއެކު އެރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ މިސްކިތުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށާ، މިއީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއްކަމަށެވެ.

500 އެއްހާ މީހުންގެ އާބާދީއެއް އޮތް ކިހާދޫގައި މިވަގުތު ނަމާދުކުރުމަށް ބޭނުންކުރަނީ މީގެ އެތައް އަހަރެއް ކުރިން ބިނާކޮށްފައިވާ ކުޑަމިސްކިތެކެވެ. ހާއްސަ މުނާސަބަތުތަކާ، ހުކުރު ނަމާދަށް މިސްކިތް ނުފުދޭތީ، ފަހަކަށް އައިސް ނަމާދުކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމަށް ކިހާދޫ ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top