އަންނަ އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ރޯދަ މަހުގެ ފަހު 10، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ގައި އޭދަފުށީގައި ބޭއްވި ޖަލްސާ އެއްގައި މިދިޔަ އޯގަސްޓް މަހުގެ 30ގައި ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.
އެޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ތިބި ބައެއް ކަމަށާއި ދިވެހިންގެ ހުރިހާ ކަމެއް ބިނާވެގެން ވަނީ އިސްލާމް ދީނުގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމެވި ކަންތައްތަކުގެ ތަފްސީލު ދެއްވައިފައެވެ.
ޝަހީބު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން ނިންމި އެހެން ނިންމުންތަކުގެ ތެރޭގައި ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމުމާއި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމަށް ވެސް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދެއްވުމުގެ ސިޔާސަތު ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރަން ފެށުމުގެ އިތުރުން ވައިޑް-ބޮޑީ އެއާކްރާފްޓް ޚިދުމަތް އައިލެންޑް އޭވިއޭޝަނުން ފަށައިގަތުމަށް ބޭނުންވާނެ ފަންޑު ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފައެވެ.