ދޮޅުމަހެއްހާ ދުވަހުގެ ޗުއްޓީ އަށް ފަހު 84،000 ދަރިވަރުންނާއި އެކު މިއަހަރުގެ ދިރާސީ އައުއަހަރު މިއަދު ފަށައިފިއެވެ.
މި ފެށުނު ދިރާސީ އާ އަހަރާއެކު، ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެއެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ.
ގްރޭޑް އެކަކަށް އަލަށް މިއަހަރު 7،000 އަށް ވުރެ ގިނަ ކުދިން ވަނީ ވަދެފައެވެ. އޭގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ސަރުކާރުގެ ސްކޫލްތަކަށް 2،491 ކުދިން ކިޔަވާނެ އެވެ.
ސަރުކާރުގެ އެއް ދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތާ އެއްގޮތަށް މި އަހަރު 156 ސްކޫލެއްގައި ކިޔަވައިދޭނީ އެއް ދަންފަޅިއަށެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދޭނެއެވެ.
ދިރާސީ އައު އަހަރު ފެށޭ އިރު، ސްކޫލުތަކުން ވަނީ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ސްކޫލު ހުޅުވުން ކުލަ ގަދަކޮށް ފާހަގަ ކޮށްފައެވެ.