ރާއްޖޭގެ އާބާދީގައި ކޮންމެ ތިން ދިވެއްސަކަށް ބިދޭސީ އެއް

2x7kZBrg6M2FdsV5PctvulWiIuEURkPZ0HxKXrBN.webp

ދިވެހިރާއްޖޭގެ އާބާދީގައި ކޮންމެ ތިން ދިވެއްސަކަށް ބިދޭސީ އެއް ހުންނަ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމު ކުރި ދިވެހި ރާއްޖޭގެ ބޯހިމެނުމުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

އެއިދާރާއިން ހާމަކުރި އާބާދީގެ ތަފާސް ހިސާބަށް ބަލާއިރު ދިވެހިރާއްޖޭގައި ޖުމްލަ 515،122 މީހުން ދިރިއުޅެއެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިންގެ އާބާދީ އެއްކޮށްގެން އަންނަ މިންވަރެވެ. ދިވެހިންގެ އާބާދީއަކީ 382،751 މީހުންނެވެ. ބިދޭސީންގެ އާބާދީގައި ހިމެނެނީ 132،371 މީހުންނެވެ. މިއާއެކު ޖުމްލަ އާބާދީގެ 26 އިންސައްތައަކީ ބިދޭސީންނެވެ. އަދި ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެއް ދިވެހި ރާއްޖޭގައި ދިރިއުޅެމުން ދެއެވެ.

މީގެ ނުވަ އަހަރު ކުރިން ރާއްޖޭގެ އާބާދީގައި ބިދޭސީންގެ އަދަދަކީ 63،637 މީހުންނެވެ. އެހެންކަމުން މިދިޔަ ނުވަ އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިވަނީ ދެގުނައަށް ވުރެ ވެސް އިތުރުވެފަ އެވެ. ރާއްޖޭގައި މީގެކުރިން 2014 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ނަތީޖާގައިވާ ގޮތުން އޭރު ރާއްޖޭގައި ދިރިއުޅޭ އާބާދީ އަކީ 402،071 މީހުންނެވެ. އޭރު ދިވެހިންގެ އާބާދީއަކީ 338،434 މީހުންނެވެ.

އަދި ދިވެހިންގެ ކޮންމެ 100 އަންހެނަކަށް، 104 ފިރިހެނުން މިވަގުތު އެބަތިއްބެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ މާލޭގަ އެވެ. މާލޭގައި 212،138 މީހުން ދިރިއުޅޭއިރު، މީގެ ތެރެއިން 161،108 މީހުންނަކީ ދިވެހިންނެވެ. މާލޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދަކީ 51،030 މީހުންނެވެ. މާލެ ފިޔަވައި އަތޮޅުތެރޭގައި، 236،747 މީހުން ދިރިއުޅެމުންދެއެވެ. މީގެ ތެރެއިން 204،277 މީހުންނަކީ ދިވެހިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އާބާދީގެ ބާކީ އުޅެނީ ރިސޯޓުތަކުގައި އާއި ސިނާއީ ރަށްރަށުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top