އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު 70،000 ރުފިޔާގެ މުއާމަލާތް ކޮށްފި

b_8T2pjKaQXVxdYSDTCfhXBy6GJ.jpg

އޮޅުވާލައިގެން އޯޓީޕީ ހޯދައިގެން 70،000 ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

އެ ބޭންކުން މިއަދު ބުނީ، މި ހަފްތާގައި އެޗްޑީސީ ނަމުގައި ފޯނުކޯލު މެދުވެރިކޮށް އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިފަދަަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ހޯދާފައިވާކަމުގެ ޝަކުވާވެސް ބޭންކަށް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުން އަންނަ މިފަދަ ކަންކަމުން ސަލާމަތްވެ، ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުން އިލްތިމާސް ކުރެ އެވެ. ހަމައެހެންމެ ފޭސްބުކް ޕޭޖްތަކުން މުދާ ގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޝަކުވާވެސް މިހަފްތާގައި ބީއެމްއެލްއަށް ހުށަހެޅިފައިވާ ކަމަށް ބުންޏެވެ.

ރާއްޖޭގައި އީސިމްގެ ހިދުމަތް ބޭނުންކުރަމުންދާއިރު އޯޓީޕީ ބޭނުންކޮށްގެން އީސިމް އެކްޓިވޭޓްކޮށްލެވޭ ކަމަށާއި، ވީމާ އީސިމް ނެގުން ފަދަ ހިދުމަތްތަކަށް ލިބޭ އޯޓީޕީ އެހެން ފަރާތަކާ ހިއްސާ ކުރެވިއްޖެނަމަ ސިމް އެހެން މީހަކަށް ލިބުުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ބޭންކުން ބުންޏެވެ. މި ގޮތަށް ފުރުސަތު ލިބިއްޖެނަމަ އެކައުންޓުން ކުރާ މުއާމަލާތްތަކަށް ފޮނުވާ އޯޓީޕީވެސް އެފަދަ ފަރާތްތަކަށް ލިބިގެންދާނެކަންވެސް ބީއެމްއެލް އިން ފާހަގަ ކުރި އެވެ.

އާއްމުންނަށް އެކި ނަންނަމުގައި މީހުން ގުޅާ، ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ މިކަމަށް ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް މަސައްކަތްކޮށް، އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ބީއެމްއެލް އިން އެދެއެވެ.

ބީއެމްއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، މި ދުވަސްވަރު ރިޕޯޓު ކޮށްފައިވާ ސްކޭމް ކޯލުތަކަށް ބަލާއިރު، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދެއެވެ. އަދި މީގެ އިތުރުން ކާކުކަން ނޭގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭކަމުގެ ޝަކުވާވެސް ހުށަހެޅެއެވެ. އަދި އެކި އޮންލައިން ޕޭޖުތަކުން މުދާގަންނަން ފައިސާ ދެއްކުމުން މުދާ ނުލިބި އަދި ފައިސާ ނުލިބޭކަމުގެ ޝަކުވާވެސް ހުށަހަޅާކަމަށެވެ.

ރާއްޖޭ ގައި ސްކޭމް ކޯލްތައް އިތުރުވެ ރައްޔިތުން އަތުން ފައިސާ ފޭރުގަތުން ވަރަށް ބޮޑަށް އާންމުވެފައެވެ. މި ފަދަ ކަންތައް ހުއްޓުމަށް ބީއެމްއެލްއިންނާއި، އެޗްޑީސީން އަންނަނީ ވަރަށް ގިނަ މަސައްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top