އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އޭދަފުއްޓަށް އީދެއް

viber_image_2023-03-07_10-36-11-545-2.jpg

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ރަށު ކައުންސިލް ގުޅިގެން އެދުވަސް ފާހަގަ ކުރަނީ ކުޅިވަރުގެ އީދެއްގެ ގޮތުގައިކަމަށް ކޮމެޓީން ބުނެފި އެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަކީ މާދަމާއެވެ.

އަންހެނުންގެ ކޮމެޓިގެ ރައީސް، ޒިމާ އިބްރާހީމް ވިދާޅުވި ގޮތުގައި 5 ދުވަހުގެ މުއްދަތަށް ދިގުދެމިގެންދާ މިއީދު މިއަދު ފެށިގެން ދާއިރު  އަންހެނުންގެ ދުވަސް ފެށިގެން ދާނީ މާޅޮހާއި އޭދަފުށީ އަންހެނުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ހޭންޑްބޯލް މެޗަކުންނެވެ. މެޗު އޮންނާނީ ހަވީރު 4:30 ގައި އޭދަފުށީގެ ވެލިދަނޑު ގައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންހެނުންގެ ސައިކަލް ބުރެކެވެ. މިއިވެންޓް ފެށޭނީ ހަވީރު 4:30 ގައި އޭދަފުށި ބަނދަރު މަތިން ރަސްމީ ފާލަން ކައިރިންނެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މަސް ރޭސް ބޭއްވުމަށް ތާވަލު ކޮށްފައިވަނީ މާރިޗު 9 ވަނަ ދުވަހުއެވެ.

 

އަންހެނުންގެ ކޮމެޓީން މިދިޔަ އަހަރުވެސް ވަނީ އަންހެނުން ދުވަހަށް ހާއްސަ ކޮށް މަސްރޭހެއް ބާއްވާފައެވެ. މިދިޔަ އަހަރު ލިބުނު ތަރުހީބަށް ބަލައި މިއަހަރުވެސް މަސް ރޭހެއް ބާއްވަން ނިންމީ އެތައް ކަނބަލުންގެ އެދުމުގެ މަތިން ކަމަށާއި މި ކަމަށް ބޮޑުތަރުހީބެއް ލިބެމުން އަންނަ ކަމަށް ޒީމާ ވިދާޅުވި އެވެ.

”މި އަހަރުގެ މަސްރޭހުގައި 10ޓީމު ބައިވެރިވޭ. ކޮންމެ ޓީމެއްގައި 13 ބައިވެރިން ތިބޭނެ“ ޒީމާ ވިދާޅުވި އެވެ.

މާރިޗު 10ވަނަ ދުވަހު އޮންނާނީ އަންހެނުންގެ މެދުގައި ބާއްވާ ބައިސްކަލް ރޭހެކެވެ.

މިހުރިހާ މުބާރާތަކަށް ވެސް ވަނީ އިނާމު ކަނޑައަޅާފަ އެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އޮންނަ އެންމެ ޚާއްސަ ކަމަކީ 11 ވަނަދުވަހުގެ ރޭ އޮންނަ ޚާއްސަ ޖަލްސާ ކަމުގައި އޭނާ ވިދާޅުވި އެވެ.

”މިޖަލްސާއަކީ އޭދަފުއްޓަށް ފައިދާހުރި ރޮނގު ތަކުން ޚިދުމަތް ދިނުމުގައި ފާހަގަކުރެވޭ ފަސް ދާއިރާއަކުން ގިނަދުވަސް ވަންދެން މަސައްކަތް ކުރެއްވި ކަނބަލުންނަށް ހިތްވަރުދިނުމާއި ޝަރަފުގެ އެވޯޑު ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ. މަގުސަދަކީ އެކަނބަލުން ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމާއެކު ޒުވާން ކަނބަލުން އެރޮނގުތަކުން ޚިދުމަތް ކުރުމަށް ހިތްވަރު ދިނުން.“ޒީމާ ވިދާޅުވި އެވެ.

އޭދަފުށީ އަންހެނުންގެ ކޮމެޓީން ދޭ އެވޯޑު ތައާރަފް ކުރީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު މި އެވޯޑް ލިބިފައިވަނީ އޭދަފުށީ ރޯޝަނީގޭ އާރިފާ ޔޫސުފަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top