މިހާރު ކުރިއަށް ދާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ފެހެންދުއާއި އޭދަފުށި ވާދަކުރި މެޗް ނިމުނީ ދެޓީމް އެއްވަރުވެގެންނެވެ.
ލީގު ބުރުގެ ކުޅުން ރޭ ފެށި އިރު، އެންމެފަހުގެ ޗެމްޕިއަން އޭދަފުއްޓާއި ފެހެންދޫ ކުޅުނު މެޗު އެއްވަރުވީ ގޯލެއް ނުޖެހި، 0-0 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ފެހެންދޫގެ އަހުމަދު ބައްސާމެވެ.
ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ބ. އަތޮޅުގެ ފުރަތަމަ ދެމެޗު ކުޅެފައިވާއިރު ޖުމުލަ އަށް މެޗެއް ކުޅެފައިވެއެވެ.
ބ. އަތޮޅުން މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރަމުންދާތީ، އެ އަތޮޅުގެ އަތޮޅު ބުރު ކުޅެމުން އަންނަނީ ލީގު އުސޫލުންނެވެ. ލީގު ބުރު ކުޅެ މިފަހަރު ޗެމްޕިއަންކަން ކަނޑައަޅާނީ ފައިނަލް މެޗަކަށްފަހުއެވެ.
ބ.އަތޮޅުން ރޭ ކުޅުނު އަނެއް މެޗުގައި ތުޅާދޫން ވަނީ 9-4 އިން ކެންދޫ ބަލިކޮށްފައެވެ. ތުޅާދޫގެ އިބްރާހީމް ރަފާހްގެ ހަތަރު ގޯލު ފެނުނު އިރު، އިފްހާމް ރަޝާދާއި އަރުޝަމް އިސާމްއީލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ. އޭގެ އިތުރުން އަންސަރު އިބްރާހީމް (އަންކޮ) ވެސް ވަނީ ރޭގެ މެޗުގައި ތުޅާދުއަށް ގޯލް ޖަހައިދީފައެވެ.
ކެންދޫގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަލީ ޝައިން އެވެ. އަނެއް ދެ ގޯލު ޖެހީ ހުސައިން ޝާފީއާއި މުހައްމަދު އައްލަމެވެ.