ފިހާރަތަކުން ހިލޭ ދެމުން އައި ޕްލާސްޓިކް ކޮތަޅު ދެ ރުފިޔާއަށް ވިއްކުން ލާޒިމް ކުރާ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ލާޒިމުވާނީ އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އެހެންވެ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނީ އަންނަ އެޕްރީލް މަހުން ފެށިގެން ނެވެ.
ޕްލާސްޓިކް ކޮތަޅުންފީ ނެގުން އިސްތިސްނާ ހާލަތްތަކެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު ހިމެނެ އެވެ. އަދި ކުނި މެނޭޖުކުރުމުގެ ހިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނާ” ހިމެނެވެ.