އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވާއިދާއި އެއްގޮތަށް ބަހައްޓަން އަންގައިފި

DSCN4861.jpg

އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ނަންބަރު ބޯޑު، ގަވައިދާއި އެއްގޮތަށް ބަހައްޓަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގަވައިފިއެވެ.

އެމިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ “އެއްގަމު ދަތުރު ފަތުރު ގާނޫނު” ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ ގަވާއިދު “އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު” ގައި ބުނެފައިވާ ގޮތަށް ނޫން ކަމަށް ފާހަގަ ކުރެވިފައި ކަމަށެވެ.

އެހެންކަމުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ދެންނެވުނު ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް އާއްމުކޮށް އަންގާ އިއުލާން ކުރާކަމަށެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ “އޭރިއަލް ބޯލްޑް” ފޮންޓުންނެވެ. އަކުރުތަކުގެ ސައިޒު ހުންނަންވާނީ ގަވާއިދުގައި ބުނެފައިވާ ގޮތަށް ކަމަށާއި މިއާއި ޚިލާފަށް ނަންބަރު ބޯޑުގެ އަކުރުތައް ހަދައިގެން ބޭނުން ކުރުމަކީ މަނާކަމެކެވެ.

ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާ ނަގައިގެން ބޭނުންކުރުމާއި އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުން ކުރުމަކީވެސް މަނާކަމެކެވެ.

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންކުރުމަކީ ވެސް މި ގަވާއިދުގައި ބުނާގޮތުން މަނާކަމެކެވެ.

ގަވައިދުގައި އިތުރަށް ބުނެފައި ވަނީ ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދު ފަހަރުގެ ނަމްބަރު ބޯޑު ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުންނެވެ. ކޮޮންސިއުލަރ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަންވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

މިދެބާވަތުގެ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތަކުގެ ނަމްބަރު ބޯޑު ހުންނަން ވާނީ ކަޅު ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައިކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top