ރަށްރަށުގައި އުފެދޭ ކުނި މެނޭޖުކުރުމަށް ގްރީން ޓެކްސްގެ ތެރެއިން، ވަކި އިންސައްތަ އެއް އަންނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެކަން އެގޮތަށް ނިންމެވިކަން ރައީސް ހާމަކުރެއްވީ ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން އިއްޔެގެ ނިޔަލަށް ލ.ގަމުގައި ކުރިއަށްގެންދިޔަ ތިންވަނަ ވިއަވަތި ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.
ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ގްރީން ޓެކްސްގެ ތެރެއިން ކައުންސިލުތަކަށް ހިލޭ އެހީ ދިނުމަށް ފުރަތަމަ ހުށަހަޅާފައިވަނީ މެދު ރާއްޖެތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން މިއަހަރުގެ ކުރީކޮޅު އއ. އުކުޅަހުގައި ކުރިއަށްގެންދިޔަ ވިއަވަތި ކޮންފަރެންސްގައެވެ.
ލ. ގަމުގައި ކުރިއަށް ގެންދިޔަ ތިންވަނަ ވިއަވަތި ކޮންފަރެންސް ނިންމަވައިލައްވަމުން ރައީސް އިއްޔެ ވިދާޅުވީ ކުނި މެނޭޖުކޮށް ކުނި ނައްތާލުމަށް ކައުންސިލުތަކަށް ހިލޭ އެހީ ދޭން ފެށުމުން ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
“އެއާއެކީގައި ކުނި މެނޭޖުކުރުމަށްޓަކައި، ކުނި ނައްތާލުމަށްޓަކައި ގްރީން ޓެކްސްގެ ތެރެއިން، ވަކި ޕަސެންޓެއް މި އަންނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ދެއްވާނެ ކަމަށް (އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ) އެ ވިދާޅުވީ. އަޅުގަނޑު ހިތުން އެއީ، ތިޔަބޭފުޅުންގެ އެދިވަޑައިގަތުމެއް،” ރައީސް ވިދާޅުވިއެވެ.
ވިއަވަތި ކޮންފަރެންސްގެ ތެރެއިން މިނިސްޓަރު ޝައުނާވެސް ވަނީ އެކަން ހާމަކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ގްރީން ޓެކްސް އިން ކައުންސިލުތަކަށް ގްރާންޓު ދެވޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް މިނިސްޓްރީގެ ތެރެއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން އެ ގްރާންޓް ދިނުމުގައި ކައުންސިލުތަކުން ތިން ކަމަކަށް އެއްބާރުލުން ދެއްވަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެއީ ރަނގަޅު ވޭސްޓް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމާއި، އެ ޕްލޭނާ އެއްގޮތަށް ކައުންސިލުތަކުން އަމަލުކުރަމުން ގެންދޭތޯ ބަލަން މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ބައިބަޔަށް ކުނި ވަކިކުރުން ކަމަށް ވިދާޅުވިއެވެ.