ލޯކަލް ކައުންސިލްތަކަށް އަންނަ އަހަރު ބްލޮކް ގްރާންޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަހަރު ކައުންސިލު ތަކަށް ދޭން ނިންމާފައިވަނީ 1.5 ބިލިޔަން ރުފިޔާ އެވެ.
ދައުލަތުގެ ބަޖެޓުން ދޭ ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި އެންމެ ފުރަތަމަ ކައުންސިލްތަކަށް ފައިސާ ދޫކުރަން ސަރުކާރުން ނިންމީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޭން ނިންމި ނަމަވެސް ކޮވިޑް 19އާ ކުރިމަތިލާން ޖެހުމާ ގުޅިގެން އެ އަހަރު ކައުންސިލްތަކަށް ދޫކުރީ 550 މިލިއަން ރުފިޔާ އެވެ.
ލ އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ވިޔަވަތި ފޯރަމްގައި އަމީރު މިއަދު ވިދާޅުވީ، ކައުންސިލްތަކަށް އަންނަ އަހަރު ގްރާންޓް އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދޫކުރަން ސަރުކާރުން ނިންމީ ކައުންސިލްތަކަށް ދޭ އެހީ އަހަރުން އަހަރަށް އިތުރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.
އަމީރު ވިދާޅުވިގޮތުގައި، ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭ ފައިސާ، ރާއްޖޭގެ އިގްތިސާދު ކުރިއަރާ ވަރަކުން އިތުރު ކުރާނެ އެވެ. ކައުންސިލްތަކަށް ބްލޮކް ގްރާންޓް މިހާރު ދޭ ގޮތުން ބައެއް ކައުންސިލްތަކަށް ފައިސާ ދިނުމުގައި ބޮޑެތި ފަރަގުތައް ފާހަގަކުރެވިފައިވާ ކަމަށާ އެހެންވެ ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލު ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ބްލޮކް ގްރާންޓުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މިހާރު ދެނީ ސިޓީ ކައުންސިލްތަކަށެވެ.
“އެންމެ މަދުން ފައިސާ ލިބޭ ރަށްރަށަށް ވެސް އެކަށީގެންވާ އަދަދެއް ލިބޭކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެން ވާނީ ބަލާފައި،” ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ކައުންސިލްގެ އާމްދަނީ އާއި ހަރަދުގެ މައުލޫމާތު، ރެކޯޑު ކުރޭތޯ އާއި ކަރަންޓާއި ފެން ބިލްތައް އޮންނަ އުސޫލުން ދައްކާތޯ ބަލާނެ ކަމަށެވެ. އަދި ކައުންސިލްގެ ބަޖެޓު ޕްލޭން ކަނޑައެޅިފައިވާ ތާރީޚަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވާތޯ ބަލާނެ ކަމަށްވެސް އަމީރު ވިދާޅުވި އެވެ.
މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓް އާއި އަތޮޅުތަކުގެ ރަށްރަށާއި ފަޅުތަކުން ލިބޭ އާމްދަނީގެ ކުލީގެ 40 ޕަސަންޓް ކަމަށް މި މަހާސިންތާ ގައި ރައީސް ސޯލިހު ވިދާޅުވި އެވެ.