ހިންދޫ ދީނުގެ އަޅުކަމެއް ކަމަށްވާ ޔޯގާ ހަރަކާތް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމުގެ ކުރިން އެކަން ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާކަން ހާމަވެއްޖެއެވެ.
އެކަން ހުއްޓުވައި ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން މި މަހުގެ 15 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެއީ ހިންދޫން އެ މީހުންގެ ދީނީ ސަގާފަތާ ގުޅޭ މެޑިޓޭޝަންގެ ނަމުން ނަންދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކް ހިމެނޭ ހަރަކާތެއް ކަމަށެވެ.
އެހެންކަމުން މިފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާއި ޚިލާފު ކަމަކަށްވުމާއެކު ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށްވާތީ، އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި، އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް އަންގައިފައެވެ.
ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެންގުމާ ޚިލާފަށް މި މަހުގެ 21 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަންގެ އިސް ނެގުމަށް ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާއި ފުލުހުންގެ ސެކިއުރިޓީވެސް ލިބިގެން ބޭއްވި މިި އިވެންޓަކީ މުންކަރާތެއް ކަމަށްވާތީ އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރި ބަޔަކުވަނީ ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުންތަކެއް ހިންގާފައެވެ.
ހަމަނުޖެހުން ހިންގި މީހުން ހައްޔަރު ކޮށްފައި ވަނީ ޔޯގާ ހަރަކާތް ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައި ވާތީއެވެ.
އެ މައްސަލަ ރައީސް ސޯލިހް އަންގަވައިގެން ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. ދެ އިލްމުވެރިއަކު ހިމެނޭހެން 19 މީހަކު މިވަގުތު ތިބީ ބަންދުގައެވެ.