އަނބިމީހާގެ ކޮއްކޮއަކަށް ޖިންސީ ގޯނާކޮށް، އެކުއްޖާއަށް އޮރިޔާން މަންޒަރު ދެއްކި ދިވެއްސަކު 57 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މީހާގެ މައްޗަށް ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖެއްގެ ހާޒިރުގައި އެކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި އާއިލާގެ މެންބަރަކު އެއާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު ކުޑަކުއްޖާއަށް ދެއްކުމުގެ ކުށުގެ ދައުވާ އެވެ.
މީގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ނޫން އެހެން ހުރިހާ ދައުވާއެއް ސާބިތުވެފައިިވުމާއި ގުޅިގެން ޖުމްލަ 57 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފަ އެވެ.
މެދު ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މި މީހާގެ މައްޗަށް ކުޑަކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ދެއްކި މައްސަލައިގައި 15 ދުވަހަގެ ޖަލު ހުކުމަކާއި އެކުއްޖާއަށް އޭނާ އަމިއްލައަށް ޖިންސީ އަމަލު ހިންގާ ތަން ދެއްކިކަމުގެ ކުށުގެ އަދަބެއްގެ ގޮތުން 17 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
މީގެ އިތުރުން އެކުއްޖާ އާއި މެދު އޭނާ ޖިންސީ އަމަލު ހިންގާފައިވާތީ ކޯޓުން ވަނީ 25 އަހަރަށް އޭނާ ޖަލަށްލާން ހުކުމްކޮށްފަ އެވެ. އެކަމަކު އޭނާ ދެ އަހަރާއި ނުވަ މަހާއި ދެ ދުވަހުގެ މުއްދަތައް ބަންދުގައި ހުރުމުން އެދުވަސްތައް ކެނޑުމަށްފަހު މި ދައުވާގައި އަދަބު ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ދެ މަހާއި 28 ދުވަހަށެވެ.
ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވުމުން މި މައްސަލައިގެ މައުލޫމާތު ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.