ކޮވިޑް-19: އިނގިރޭސި ވިލާތުން މާދަމާ ވެކްސިން ޓެސްޓް ކުރާނެ.

b6e69264-83c9-11ea-8863-2139a14b0dea_image_hires_041528.jpg

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދާ ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓު ކުރުން މާދަމާ ފެށޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ނޫސްވެރިނާއި ވާހަކަދައްވަމުން ވިދާޅުވީ މާދަމާ އެގައުމުގައި އިންސާނުން ބޭނުންކޮށްގެން ކޮވިޑް-19ގެ ވެކްސިން ޓެސްޓު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އޮކްސްފޯޑު ޔުނިވާސިޓީގެ ޓީމަކުން އުފައްދާފައިވާ މި ވެކްސިން އިންސާނުންނަށް ޓެސްޓު ކުރުމަށް ނިންމާފައިވާ އިރު އެ ޔުނިވާސިޓީގެ ޕްރޮފެސަރަކު ވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެކްސިން ލިބޭނެކަމަށް ވިދާޅުވެފައެވެ. މިއީ މިހާތަނަށް މި ބައްޔަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު އެންމެބޮޑު ކުރިއެރުމެވެ.

އިނގިރޭސި ހެލްތު ސެކްރެޓަރީ މެޓް ހެންކޮކްވެސް ވިދާޅުވީ އެގައުމުން ވެކްސިން ހޯދުމަށް އެހެން އެއްވެސް ބަޔަކު ހޭދަ ނުކުރާވަރަށް ހަރަދު ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތަށް އެހެން ފަރާތްތަކަށްވެސް އެހީތެރިވަމުން އަންނަ ކަމަށް ހެންކޮކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާއިން ވަނީ ތިން ވެކްސިނެއް އުފައްދާފައެވެ. އަދި އެތިން ވެކްސިން ވެސް ވަނީ އިންސާނުންނަށް ޓެސްޓު ކުރަން ފަށާފައެވެ. މީގެ އިތުރުން އެމެރިކާގައިވެސް ވަނީ ކޮވިޑް ވެކްސިން އިންސާނެއްގެ ގަޔަށް ޖަހާފައެވެ.

އިނގިރޭސިވިލާތުގައި މާދަމާ ޓެސްޓު ކުރާ ވެކްސިންނާއި އެކު މިހާތަނަށް 5 ވެކްސިނެއްގެ ޓެސްޓު އިންސާނުން ބޭނުންކޮށްގެން ކުރެވިގެންދާނެއެވެ.

ކޮވިޑް-19 ގައި މިހާތަނަށް އިނގިރޭސިވިލާތުން 17,337 މީހުން މަރުވެފައިވާ އިރު 129,044 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top