ފެހެންދޫ އާ ފާލަމަކީ ކުރީ ސަރުކާރުން ކުރި ބޮޑު އިސްރާފެއް – ކައުންސިލްގެ ރައީސް

IMG-0b1fb72eeebb122e9388cdbf172040d2-V.jpg

2017 ވަނައަހަރު ސަރުކާރުން ފެހެންދޫގައި ހަދާފައިވާ ފާލަން. ފަޅު ފުންނުކުރެވުމުގެ ސަބަބުން ފާލަމުގެ ބޭނުން ނުހިފޭކަމަށް ކައުންސިލުން ބުނޭ / އީވީ ފޮޓޯ ފައިސަލް

ބ. ފެހެންދޫއަށް އަރާ ފޭބުމަށް މިދިޔަ ސަރުކާރުން އެރަށުގައި ހަދާފައިވާ ފާލަމަކީ ސަރުކާރުން ކުރި ބޮޑު އިސްރާފެއްކަމަށް ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ފެހެންދޫގައި ބަނދަރެއް ހެދުމާބެހޭގޮތުން ސަރުކާރާއެކު ކުރެވެމުންދާ މަޝްވަރާތަކުގެ ފަހުގެ މައުލުމާތުތައް އީވީއާ ހިއްސާކުރަމުންނެވެ. އޭނާ ވިދާޅުވީ އެފާލަމަކީ ކިތަންމެ ރީތި އަދި ވަރުގަދަ ފާލަމަކަށްވިޔަސް ފާލަމުގެ ބޭނުން ރައްޔިތުންނަށް ނުކުރެވޭ ކަމަށެވެ. ސަބަބަކީ ފާލަން އަޅާފައިވާ ސަރަހައްދު ތިލަވެފައި، އޮޑި ދޯނިފަހަރާ، ލާންޗް ފަހަރު ގާތްނުކުރެވުންކަމަށެވެ.

“އެއްގޮތަކަށްވެސް ބޭނުންނުކުރެވެއޭ ބުނެވިދާނެ. ވަރަށް ތިލަ ސަރަހައްދެއްގައި ފާލަން އަޅާފައި އެއޮތީ. އެހެންވީމާ، ފާލަމުގެ ބޭނުން ކުރާނީ ކިހިނެއްތޯ؟ އަދިވެސް ބޭނުން މިކުރަނީ ކުރިން ރައްޔިތުން އަޅާފައިހުރި ލަކުޑި ފާލަން. އަޅުގަނޑު ދަންނަވާނީ އާ ފާލަމަކީ ކުރީ ސަރުކާރުން ކުރި ވަރަށް ބޮޑު އިސްރާފެކޭ” މޫސަ ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ފެހެންދޫ އުތުރު ފަރާތުގައި އެޅި ފާލަމަކީ 100 ފޫޓް ދިގު، 12 ފޫޓް ފުޅާ ކޮންކްރީޓް ފާލަމެކެވެ. ފާލަމުގެ ކޮޅުގައި 60 ފޫޓް ފުޅާ ޓީޖެޓީއެއްވެސް ހަދާފައިވެއެވެ. މޫސަ ވިދާޅުވީ އޭރުގެ ސަރުކާރުން ބުނެފައިވާ ގޮތުން ފާލަން ހަދާ ނިމޭއިރު އެސަރަހައްދު ފަޅު ފުންކޮށް ބޭނުންކުރެވޭ ވަރަށް ތަރައްގީ ކުރަން ހަމަޖެހިފައިވެއެވެ. އެހެން އެކަން ވީނަމަ މިފާލަމުގެ ބޭނުން ހިފޭނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

“އޭރު ސަރުކާރުން މިކަމުގެ މަޝްވަރާ ކުރިއިރުވެސް ބުނިން ފަޅު ފުން ނުކުރެވެންޏާ ފާލަން އަޅަންވީ ނޫންހޭ ދެކުނުފަރާތު ފުން ސަރަހައްދުގައި. އެކަމަކު ސަރުކާރުން އޭރު ބުނީ ފާލަން އަޅާ ނިމޭއިރު ފަޅު ފުންކޮށްވެސް ނިމޭނޭ. އެކަމަކު ފާލަންވެސް ރަނގަޅަށް ނުނިމޭ. ފަޅުވެސް ފުންނުކުރެވޭ. ވަރަށް ބޮޑު ގެއްލުމެއް ފެހެންދޫ ރައްޔިތުންނަށް މިލިބުނީ” މިދިޔަ 3 ދައުރުގައިވެސް ފެހެންދޫގެ ކައުންސިލް ރައީސްކަން ކުރަމުންއަންނަ އެމްޑިޕީ ކައުންސިލް މެމްބަރ މޫސަ ވިދާޅުވިއެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން. މިސަރުކާރުން ވިސްނަނީ ފެހެންދޫގައި ބަނދަރެއް ހެދުމަށް / ފޮޓޯ: ފެހެންދޫ ކައުންސިލް

ފެހެންދޫގެ ބަނދަރުގެ މައްސަލާގައި ފެހެންދޫ ކައުންސިލްއިން މިއަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާއިވެސް ވަނީ ބައްދަލުކޮށްފައެވެ. މޫސަ ވިދާޅުވީ ސަރުކާރުގެ ވިސްނުންހުރީ ފެހެންދޫގައި ބަނދަރެއް ހެދުމަށެވެ. އަދި އެމަސައްކަތް ދާދި އަވަހަށް ފެށިގެންދާނޭ ކަންވެސް މޫސަ ފާހަގަކުރެއްވިއެވެ.

ތިންސަތޭކައެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ފެހެންދޫގައި މިވަގުތު ލަފާފުރުމަށް ބޭނުންކުރަނީ އެރަށު އުތުރު ފަރާތުގައި ރަށުގެ އަމިއްލަ ބަޔަކާ، ރަށު ކައުންސިލު ގުޅިގެން ހަދާފައިވާ ވަގުތީ ފާލަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top