ލޭންޑް ޔޫސް ޕްލޭން ހެދުން ފަސޭހަ ކުރަން ގާނޫނު ބަދަލު ކުރަން ޖެހޭ :ރައީސް

b_ZjNx9IjBaneoiIZ7aSEPJ8XPV.jpg

ވިއަވަތި ރާއްޖެ ފޯރަމްގައި ރައީސްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ --- ވަން ފޮޓޯ: އަލީ ޔާމީން

ލޯކަލް ކައުންސިލުން ތައްޔާރުކުރާ ލޭންޑް ޔޫސް ޕްލޭން ހެދުމަށް އޮތް ދަތިތައް ފިލުވަން ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން ރަށު ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭންތައް ފާސްނުވެ އޮތުން ވެގެންގޮސްފައި ވަނީ އެރަށްރަށުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހަކަށެވެ.

މިހާތަނަށް 55 ރަށަކުން ލޭންޑް ޕްލޭން ހަދާފައި ޕްލޭން ފާސްކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅިނަމަވެސް, އިސްލާހުކުރަން ބައެއް ކަންކަން ހުރުމުން ފާސްކޮށްފައެއް ނުވެއެވެ. މިހާތަނަށް ފާސްކުރެވިފައި ވަނީ އެންމެ ހަތް ރަށެއްގެ ޕްލޭނެވެ.

ކައުންސިލަރުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުގެ ކުރިން ރައީސް ވިދާޅުވީ އަހަރެއްހާ ދުވަސް ވި އިރު އެ މައްސަލައަށް ހައްލު ހޯދިފައި އޮންނަން ޖެހޭ ކަމަށެވެ. އެކަމަކު، ހުރި ދަތިތަކަށް ހައްލެއް ނުހޯދި ހުރުމާ އެކު ދެން އޮތީ އަވަހަށް ގޮތްތަކެއް ނިންމުން ކަމަށް ވިދާޅުވި އެވެ.

ލޭންޑް ޔޫސް ޕްލޭންތައް ނުހެދި ދިގުލައިގެން ދިއުމާ ގުޅިގެން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި، ލޭންޑް ޔޫސް ޕްލޭން ނުހެދި ވަނީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި ގާނޫނު މާނަ ނުކުރެވިވާތީ ކަމަށެވެ.

“ލޭންޑް ޔޫސް ޕްލޭން ނުހެދި މިހާ ދިގު މުއްދަތެއް ވެގެން ދިޔައީމާ އޭގެ މާނައަކީ ގާނޫނު އިސްހާލުކޮށް އިތުރަށް މިކަން ފަސޭހަކޮށްދޭން ޖެހޭނެއޭ،” މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވަނީ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ފަސޭހަ ގޮތްތަކެއް ކިޔައިދެއްވައިފައެވެ. އެގޮތުން ރަށުގެ ޗާޓު ކުރަހާނެ ގޮތާއި ރުއް ގަސް ގުނުމުގައި އަމަލުކުރާނެ ގޮތްވެސް ވިދާޅުވިއެވެ.

ބ. މާޅޮހު ކައުންސިލްގެ ރައީސްގެ އަބްދުﷲ ޝުޖާއު ވިދާޅުވި ގޮތުގައި މިނިސްޓަރު އަސްލަމް މިއަދު ދެއްކެވި ވާހަކަތަކަކީ ގާނޫނަށް އަމަލުކުރަން ފަށައި, ޕްލޭންތައް ހަދަން ގާނޫނުން ދިން ތިން މަސް ތެރޭން ފުރަތަމަ މަހު ދައްކަން ޖެހޭ ވާހަކަތަކެއް ކަމަށެވެ.

“އެ ދުވަހު އެ ވާހަކަ ދެއްކެވިނަމަ 55 ރަށުގެ ލޭންޑް ޔޫސް ޕްލޭނެއް ނޫން މިނިސްޓްރީއަށް ވަދެފައި އޮންނާނީ, އަޅުގަނޑު ގަބޫލުކުރާ ގޮތުން 95 ޕަސެންޓްގެ ކައުންސިލްތަކުގެ ޕްލޭންތައް އޮންނާނެ ވަދެފައި,” ޝުޖާއު ވިދާޅުވި އެވެ.

“ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ ފަސޭހަތަކެއްގެ ވާހަކަ, އަޅުގަނޑު ހިތަށް އަރާ ހައުސިން މިނިސްޓަރު މިދިޔަ އެއް އަހަރު ތެރޭ ރާއްޖޭގަ ނޫޅުއްވަނީބާވާއޭ!” ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު, އަސްލަމަށް އަމާޒުކޮށް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ޝަކުވާތައް އަޑުއަހައި ހައްލުތައް ހޯދައިދިނުމުގައި ޕްލޭނިން މިނިސްޓްރީއަށް ކައުންސިލަރުން ދެއްވީ “ސީ” ރިޕޯޓެކެވެ. އެއާއެކު, އެލްޖީއޭއަށް “އޭ ސްޓާ” ރިޕޯޓް ދެއްވައި, ކައުންސިލްތަކާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ގުޅުން ކުޑަކަން ފާހަގަ ކުރި އެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުގައި ކަމެއް އިސްލާހުކުރަން ނެތްނަމަ، ލޭންޑް ޔޫސް ޕްލޭން ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ފާސްކުރަން ޖެހޭނެއެވެ.

ލޭންޑް ޔޫސް ޕްލޭނަކީ އެ ރަށެއްގެ ބިން ތަރައްގީ ކުރުމަށް ޓެކްނިކަލް ފެންވަރުގައި ރައްޔިތުންގެ ހިޔާލު ހޯދައިގެން ތައްޔާރުކުރަން ގާނޫނުގައި ލާޒިމުކުރާ އެއްޗެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top