ބ. ކެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެެ މަޝްރޫއުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން މި ޕްރޮޖެކްޓް ހަވާލު ކޮށްފައިވަނީ އެމްޑަބްލިއުއެސްސީ އާއެވެ.
އެ ކުންފުނިން މިއަދު ބުނީ މި މަސައްކަތަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ކެންދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެނާއި ނަރުދަމާ ނިޒާމްގައި ހިމެނޭ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ އެއްބަސްވުމުގައިވާ ގޮތުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި، އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރ.އޯ ޕްލާންޓް އަދި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެއެވެ.
މި ޕްރޮޖެކްޓްގައިވާ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކުރުމާއި، 556 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ދެ ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ.