ގާނޫނަކުން ހިފަހެއްޓުމެއްނެތި އެއްވެސް ވަޒީރަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްގެން ނުވާނެ: އެމްޕީ އަލީ

image_PAtixSJ97M68cCD.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން --ފޮޓޯ މަޖިލިސް

އެއްވެސް ވަޒީރަކަށް ޤާނޫނަކުން ހިފަހެއްޓުމެއް ނެތި ބޮޑެތި ބާރުތަކެއް ދޫކޮށްގެންނުވާނެ ކަމަށާއި ބާރުތައް ވަޒީރުންނަށް އެގޮތަށް ދިނުމުން ކަންވާ ގޮތުގެ އެންމެ ރަނގަޅު މިސާލަކީ ޚާރިޖީވަޒީރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

އަދި މާލީ މަންފާއެއް ލިބޭ ކަމެއް ވަޒީރަކު ކުރުމަކީ ޤާނޫނު އަސާސީން މަނާކޮށްފައިވާ ކަމެއްކަން ފާހަގަ ކުރައްވާ އަލީ ހުސައިން ވިދާޅުވީ އެ އުސޫލާ މިހާރުގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ހުންނެވީ ޚިލާފުވެވަޑައިގެން ކަމަށެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގައި ހާރިޖީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ވަޒީރަށް އޮންނަ ގޮތަށް އޮތް މާއްދާ އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

އަލީ ހުސައިން ގެ ވާހަކަފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އެކުލަވައިލަންޖެހޭ ފަރާތަކީ ރައީސް ކަމަށާއި އެއީ ޚާރިޖީވަޒީރު ކުރައްވާ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. އަދި މީގެ ހަތަރު މަސްކުރިން ފާސްކުރި ފޮރިން ސާވިސް ގާނޫނަށް އިސްލާހު ހުށަހަޅަންޖެހުނު ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާއަށްވުރެ ފޮރިން މިނިސްޓަރު ބާރު ގަދަވެފައި އޮތުން ކަމަށް އަލީ ފާހަގަ ކުރެއްވިއެވެ.

“ދިމާވެގެން މިއުޅޭ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއަށްވުރެ ފޮރިން މިނިސްޓަރުގެ ބާރުގަދަވެފައި އޮތުން. ޚާރިޖީ ސިޔާސަތު ކަނޑައެޅުމަކީ ޙަގީގަތުގައި ރައީސުލްޖުމްހޫރިއްޔާގެ ބާރެއް. އެކަމަކު ރައީސުލްޖުމްހޫރިއްޔާއަށްވުރެ މަތިން ކަންކަން ނިންމާ ވަޒީރުން ތިބިކަން މި އިސްލާހުން ފެނުނީ،” އަލީ ހުސައިން ވިދާޅުވިއެވެ.
ހަމަ އެހެންމެ ހިތުހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ ބޭނުންކުރުމަކީ ހަމައެކަނި ހާރިޖީވުޒާރާ ތެރެއިން ހިނގަމުން އަންނަ ކަމެއް ނޫންކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ބައެއް ވަޒީރުން ގެންދަވަނީ ބޭނުންފުޅުވީމަ ކުންފުނިތައް އުފައްދަވައި އެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރައްވައި އެ ބޭފުޅުންނަށް ބޮޑެތި މުސާރަތައް ދެއްވަމުން ކަމަށް އަލީ ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ މަތީގައި އުޅުއްވާ ބައެއް ވަޒީރުން އެބަތިބި“  އެމްޕީ އަލީ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top