އޮކްޓޫބަރުން ފެށިގެން ދަރަވަންދޫ އެއާޕޯޓް ބިޒީވާނެ! – އެއާޕޯޓް މެނޭޖަރު

26828556_10155547617973402_1317649870_o-800x450-800x450.jpg

ދަރަވަންދޫ އެއާޕޯޓް--އީވީ ފައިލް ފޮޓޯ

އަންނަ އޮކްޓޯބަރު މަހުން ފެށިގެން ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް ފްލައިޓް މޫވްމަންޓް ވަރަށް ބޮޑަށް އިތުރުވެ އެއާޕޯޓް ބިޒީވާނެކަމަށް ދަރަވަންދޫ އެއާޕޯޓްގެ މެނޭޖަރ ނާޒިމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ. 

ކޮވިޑާއި ގުޅިގެން ދަރަވަންދޫ އެއާޕޯޓްގެ ހަލަބޮލިކަން ކެނޑިފައި އޮންނަތާ ދޮޅުއަހަރެއްހާ ދުވަސްފަހުން އެއާޕޯޓް ބިޒީވާނެކަމަށް މެނޭޖަރ ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އިއްޔެ އޭދަފުށީ ވޮއިސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ނާޒިމް ވިދާޅުވީ ކޮވިޑަށްފަހު މިއަހަރުގެ ކުރީކޮޅުންފެށިގެން ފްލައިޓް މޫވްމަންޓް މަޑުމަޑުން އިތުރުވަމުންދާކަމަށާ، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މިހާރު ހަ ފްލައިޓް ޖައްސާކަމަށެވެ. އޭނާ ވިދާޅުވީ މިއަދަދު އަންނަމަހު ވަރަށްބޮޑަށް މަތިވާނެކަމަށް ގަބޫލުކުރެވޭ ކަމުގައެވެ. 

“ޓޫރިޒަމްގެ ސީޒަން މިހާރު މިފެށެނީ. މިހާރު ދުވާލަކު އެބަޖައްސާ ފަހެއް ނުވަތަ ހައެއް އަދި ހަތް ފްލައިޓްވެސް އެބަޖައްސާ. ކޮވިޑްގެ ކުރިން ދުވާލަކު ފަނަރަ ވަރަކަށް ފްލައިޓް ޖައްސަމުން އައީ. އަޅުގަނޑަށް ލަފާކުރެވޭގޮތުން އަންނަމަހު ހަމަ އެހާކަންވަރަށް ފްލައިޓް އެބައޮތް. އިތުރު ވުމަކީވެސް އެކަށީގެންވާކަމެއް. އެހެންވީމާ ވަރަށް ބިޒީކޮށް ފެންނަން އޮތީ” ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކޮވިޑާ ގުޅިގެން އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލައި އެއާޕޯޓް ހުއްޓުމަކަށް އައިނަމަވެސް އެއްވެސް މުވައްޒަފަކު ވަކިނުކޮށް މިހިސާބަށް އާދެވުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށާ، އައިލެންޑް އޭވިއޭޝަނުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިކަމަށެވެ. 

“ބައެއް އެއާލައިންތަކުން މުވައްޒަފުންތަކެއް ވަޒީފައިން ވަކިވެސް ކުރި. އެހެންނަމަވެސް އައިލެންޑް އޭވިއޭޝަނުން އިރާދަކުރެއްވީތީ އެއްވެސް މުވައްޒަފަކު ވަކިނުކޮށް މިހިސާބަށް މިއާދެވުނީ. ވަރަށް ބޮޑު ކާމިޔާބެއްމީ”

2012 ވަނަ އަހަރު ހުޅުވައި ހިދްމަތް ދެމުން އަންނަ ދަރަވަންދޫ އެއާޕޯޓަކީ ދިވެހިރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއާޕޯޓްކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. 2019 ވަނަ އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއްވި ގޮތުން ރާއްޖޭގައި އޮޕަރޭޓްކުރާ 13 އެއާޕޯޓްގެ ތެރެއިން ހަމައެކަނި ފައިދާވަމުންދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުންނެވެ. 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top