ކޯޗް ބައްޓޭގެ އެދުމަށް ރިޓަޔާޑް ކެޕްޓަން މަޖިއްޓޭ އެނބުރި ޓީމާ ގުޅިއްޖެ

12509695_1267763186573841_5197746185664679439_n.png

އޭދަފުށީގެ ޓީމުން މިދިޔަ އަހަރު ރިޓަޔާ ކުރި އޭދަފުށީގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކެޕްޓަން އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) ކޯޗް ބައްޓޭގެ އެދުމަކަށް މިނިވަން ޗެންޕިއަންޝިޕްގައި ވާދަކުރާ މިއަހަރުގެ އޭދަފުށީ ޓީމާ ގުޅިއްޖެއެވެ.

38 އަހަރުގެ މަޖިއްޓޭ ޓީމާ ގުޅިފައިމިވަނީ އަންނަ ބްރާސްފަތި ދުވަހު އޭދަފުށީގައި ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެންޕިއަންޝިޕްގެ ބ. އަތޮޅު މުބާރާތުގެ ފުރަތަމަ މެޗްގައި ދަރަވަންދޫއާ އޭދަފުށި ބައްދަލުކުރުމަށް ފަހުގެ ތައްޔާރީތައްވާން ފެށިތަނާއެވެ.

މެޗްގެ ކުރިން އޭދަފުށީ ވޮއިސްއަށް ކޯޗް ބައްޓޭ ދިން އިންޓަވިއުއެއްގައި ބުނީ މަޖިއްޓޭ ޓީމާ ގުޅުމަށް އެދުނީ މިވަގުތުގެ ހާލަތުގެ ގޮތުންކަމަށާ، މަޖިއްޓޭގެ ބޭނުން އަދިވެސް ޓީމަށް ވަރަށްބޮޑުކަމަށެވެ. އޭނާ ބުނީ މަޖިއްޓޭގެ ފޯމް މިވަގުތު ހުރީ ވަރަށް ރަނގަޅަށްކަމަށާ، އޭނާއާމެދު ޝައްކެއްނެތްކަމުގައެވެ.

“މިފެންވަރުގެ މެޗްތަކަށް ނުކުންނައިރު އެއްވެސް ޕްރެކްޓިސްއެއް ނުކޮށް މިނުކުންނަންޖެހެނީ. އެހެންވީމާ، ހުސް ޒުވާން ކުޅުންތެރިން ލައިގެން މިކަން ކުރުމަކީ ބުއްދިވެރިގޮތެއްނޫން. މަޖިއްޓޭ ދަނޑުމަތީގައި ހުއްޓަސް އެކަނި އިދިކޮޅު ޓީމް ޖެހިލުންވާނެ. އަނެއްކާ އޭނާ އެހުރީ ވަރަށްފަހުން ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ތައްޓާއެކު ވަރަށް ފްރެޝްކޮށް. ވަރަށް ފިޓްކޮށް”

ބައްޓޭބުނީ އޭދަފުށި ޓީމް އެކުލަވާލަން އެކަށީގެންވާ ވަގުތު މިއަހަރުވެސް ނުލިބުނު ކަމަށާ، އެންމެފަހު ވަގުތު ޓީމާ ހަވާލުވީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ ނަތީޖާއާމެދު ފޮނި އުއްމީދުތައް ކުރެވޭކަމަށްވެސް ބައްޓޭ ބުއްޏެވެ.

“އެއްވެސް ބަޔަކު މިކަމާ ނޫޅެގެން އަހަރެން އަނެއްކާވެސް މިކަމާ މިއުޅެންޖެހުނީ. ރަނގަޅުވާނެ ޓީމް.”

ބ. ދަރަވަންދޫ ޓީމާއެކު ކުޅޭ މެޗް މާ އުނދަގޫ ނުވާނެކަމަށާ، އެހެންނަމަވެސް ފަސޭހަކޮށްނުލާނެކަމަށް ބައްޓޭ ބުންޏެވެ. އޭނާ ބުނީ ދަރަވަންދޫގައިވެސް ހުނަރުވެރި މޮޅު ކުޅުންތެރިން އެބަތިބި ކަމަށާ، އެކަމަށް ސަމާލުކަން ދޭނެކަމަށެވެ.

މިނިވަން ޗެންޕިއަންޝިޕްގައި ބ. އަތޮޅުން މިއަހަރު ވާދަކުރަނީ އޭދަފުއްޓާ ދަރަވަންދޫ އެކަންޏެވެ. ފުރަތަމަ މެޗް ބުރާސްފަތިދުވަހު އޭދަފުށީގައި އޮތްއިރު ދެވަނަ މެޗް ދަރަވަންދޫގައި އޮންނަ ތާރީހް އަދި އިޢްލާން ނުކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top