މިދިޔަ އަހަރު އިންޑިއާ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުން މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅުންހުރި ދިވެހި އަންހެނަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ބޭސްފަރުވާ އަށް އިންޑިއާ އަށް ދިއުމާ އެކު އިއްޔެ އެއާޕޯޓުން ނެވެ.
އިންޑިއާގެ “ޓައިމްސް އޮފް އިންޑިއާ” ނޫހުން މިއަދު ރިޕޯޓު ކޮށްފައިވަނީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން އުމުރުން 58 އަހަރުގެ އާމިނަތު ރަޝީދާ ކިޔާ އަންހެނަކު ހައްޔަރުކޮށްފައިވަނީ މުމްބާއީ މަގުން ރާއްޖެއަށް ހަތަރު ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.
އިންޑިއާގެ ރިޕޯޓްތަކުން ބުނާގޮތުން އެ އަންހެން މީހާއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު 3.9 ކިލޯގެ އޮޕިއަމް އެތެރެކުރަން އުޅުނު މައްސަލައެއްގައި އިންޑިއާ ފުލުހުންގެ ސަމާލުކަމަށް އައި މީހެއް ކަމަށެވެ. އެގޮތުން އެމްއައިޑީސީ ޕޯސްޓް އޮފީހަށް ގެނެސްފައިވާ މަސްތުވާތަކެތި ހުރި ޕާރުސަލް އެޑްރެސް ކޮށްފައިވަނީ ހައްޔަރުކުރި އަންހެން މީހާއަށް ކަމަށެވެ.
މި ތަކެތި އިންޑިއާއިން ފޮނުވި ކަމަށް ލިޔެކިޔުން ތަކުން ފެންނަނީ ކެރެލާގައި އުޅޭ އަރީފް ކިޔާ މީހަކާއި އަލީ މީހެކެވެ. އެކަމަކު އެ މީހުން ތަހުގީގުގައި ބުނެފައި ވަނީ އެ މީހުންގެ ނަމާއި އެޑްރެސް ބޭނުންކޮށްފައި ވަނީ ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން އެހެން ބަޔަކު ކަމަށާއި މަސްތުވާތަކެއްޗާ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެންސީބީން ބުނެފައި ވަނީ އަރީފާއި އަލީއާ މި މައްސަލާގައި ސުވާލުކުރުމަށް ފަހު، އެ މީހުންނާ ގުޅުމެއް ނެތް ކަމަށް ބެލެވޭތީ ދޫކޮށްލާފައިވާ ކަމަށެވެ.
އެ އަންހެންމީހާ ހައްޔަރުކުރީ ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި އޭނާގެ ބަންދަށް ތިން ދުވަހުގެ ޓްރާންސިޓް ބަންދެއް ޖަހާފައިވާ ކަމަށް އިންޑިއާ ފުލުހުންނާހަވާލާދީ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.