ބޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯސަރު، ބައްޕީ ލެހެރީ މަރުވެއްޖެއެވެ.
ޑިސްކޯ މިއުޒިކްގެ ކިންގުގެ ގޮތުގައި މަޝްހޫރުވެފައިވާ 69 އަހަރުގެ ބައްޕީ މަރުވީ ސިއްހީ ގިނަ މައްސަލަތަކަކާ ގުޅިގެން މަހެއް ވާންދެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި މުމްބާއީގެ ކްރިޓިކެއަރ ހޮސްޕިޓަލުގައެވެ.
”ބައްޕީއަށް ހޮސްޕިޓަލުގައި ފަރުވާދެވޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ. މި ހަފުތާގެ ހޯމަ ދުވަހު ބައްޕީ ގެއަށް ފޮނުވާލުމަށް ފަހު، އަނެއްކާ ވެސް އޭނާގެ ހާލު މާބޮޑަށް ގޯސްވެ އެ ގެއަށް ޑޮކްޓަރަކު ދިޔަ. ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެފައިވާ ބައްޕީ ހޮސްޕިޓަލަށް ގެނެވުނީ އަންގާރަ ދުވަހު. އޭނާ މަރުވީ ”އޮބްސްޓްރަކްޓިވް ސްލީޕް އެޕްނޭ” ގެ ސަބަބުން” ހޮސްޕިޓަލުގެ ޑޮކްޓަރ ދީޕަކް ބުނެފައިވެއެވެ.
ބައްޕީ މަޝްހޫރުވެފައި ވަނީ 80 އަދި 90 އިގެ އަހަރުތަކުގެ ލަވަތަކުންނެވެ. އޭނާ ވަނީ އޭރުގެ ގިނަ ޑިސްކޯ ޓްރެކްތައް ކޮމްޕޯޒް ކުރުމުގެ އިތުރުން އޭނާގެ އަމިއްލަ އަޑުން ރީތި ލަވަތަކެއް ކިޔައިފަ އެވެ. އޭގެ ތެރެއިން ވެސް “އައިމް އަ ޑިސްކޯ ޑާންސާ” އަދި “ޖިމީ ޖިމީ އާޖާ އާޖާ” ފަދަ ލަވަތަކަށް މިއަދުވެސް ފަނޑުކަމެއް ނާދެއެވެ.
ގިނަބަޔަކު ބައްޕީ ލަހިރީ ފާހަގަކުރަނީ ރޭގަނޑުވެސް އަވިއައިނު އަޅައިގެން ހުންނަ މީހެއްގެ ގޮތުގައެވެ. އަދި ކަރުގައި ރަނުގެ ބޮޑެތި ޗޭނުޗޭނު އަޅައިގެން އުޅޭ މީހެއްގެ ގޮތުގައެވެ. ހުރިހާ ވަގުތެއްގައި ވެސް އަވިއައިނު އަޅައިގެން އުޅުމުގެ ފެޝަން ބޮލީވުޑަށް ތައާރަފުކުރީވެސް ބައްޕީ ލަހިރީއެވެ.
ބައްޕީ މަރުވިއިރު އޭނާގެ އަންބަކާއި ދެ ކުދިން ތިބެ އެވެ. އޭނާގެ ދެ ދަރިން ކަމަށްވާ ބައްޕާ ލެހެރީ އާއި ރީމާ ލެހެރީ އަކީ ވެސް މިހާރު ލަވަކިޔުންތެރިންނެވެ.