ބ.އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ޔުމްނާ އާއި ޝަމާއީލް

DSCN5143.jpg

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެމޮޅު ސެކަންޑްރީ ދަރިވަރު ޔުމްނާ އާތިފަށް އެވޯޑްދެނީ- އީވީ ފޮޓޯ؛ ޝާހިރު އަހުމަދު

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 2018ވަނަ އަހަރުގެ “ބެސްޓް އޯލް ރައުންޑް” ގެ މަގާމަށް ޔުމްނާ އާތިފް އާއި ޝަމާއީލް މުހައްމަދު ނަސީރު  ހޮވައިފިއެވެ. ކުލަ ގަދަ ރަސްމިއްޔާތަކާ އެކު ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި އޮތް ޖަލްސާ ގައި މި ދެކުދިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ކަން އިއުލާނު ކުރެއްވުމާއެކު ސްކޫލުން ދޭ އެންމެ މަތީ ޝަރަފާއެކު ޝަރަފްގެ ހިނގާލުމުގައި ސްޓޭޖް މަތިން އިނާމާއި މެޑެލްތައް ހަވާލު ކޮށްދެއްވީ ޝަރަފްވެރި މެހެމާން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމް އެވެ.

ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ޔުމްނާ ހޮވިފައިވަނީ މިދިޔަ އަހަރު ބޭއްވި އޯ ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެންނެވެ. އޭނާ ވަނީ ގައުމީ ގަދަ ދިހައެއްގެ ފަސް ވަނައިގައިވެސް ހިމެނިފަ އެވެ. ޝަމާއިލް ވަނީ އޭ ލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައަކުން އަށްވަނަ ހޯދާފައެވެ. 

ރޭގެ ރަސްމިއްޔާތުގައި ވަނީ ގްރޭޑް 8 އިން 12 އާ ހަމައަށް ރަނގަޅު ނަތީޖާ ހޯދި 73 ދަރިވަރަކަށް އިނާމު ދީފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޑރ.އަލީ ޝަމީމު ވަނީ ބ.އަތޮޅު ތައުލީމީ މަރުކަޒު ހޯދަމުން ގެންދާ ކާމިޔާބީ ތައް ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދަރިވަރުންނާ މުޚާތަބު ކޮށް ދެއްކެވި ވާހަކަފުޅުގައި ތައުލީމާ އެކު ތަރުބިއްޔަތު ގެ ބޭނުންތެރި ކަމަށް އަލި އަޅުއްވާ ލެއްވިއެވެ. އެގޮތުން ތަރުބިއްޔަތާ ނުލާ ލިބޭ ތައުލީމަކި ބޭނުމެއް ނެތް އެއްޗެއް ކަމަށާއި ތަރުބިއްޔަތަކީ ތައުލީމާ އެއްވަރަށް ހޯދަން މަސައްކަތް ކުރަން ޖެހޭ އެއްޗެއްކަމަށް ވިދާޅުވެ ދަރިވަރުންނަށް ނަސޭހަތްތެރވެ ވަޑައިގަތެވެ. އަދި ގައުމެއް ކުރިއަރައިދާނީ އަޚްލާގު ރަނގަޅު ދަރިން ތަކެއް އުފެދިގެން ކަމާއި މިކަމަށް މައިންބަފައިން ސަމާލު ވުމަށް އެދިވަޑައިގެންނެވިއެވެ. 

ރޭގެ ރަސްމިއްޔާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރުގެ އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ދަރިވަރުންނަށް ދަނާލުގެ ޓްރަސްޓް ފަންޑުން މިއަހަރު ވެސް ވަނީ ލެޕްޓޮޕެއް ދީފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top