އާއްމު ގޮތެއްގައި ރާއްޖޭގެ ގިނަ ރަށްރަށުގެ މީހުން ހެދުން ދޮވެފައި ހިންކަން އަޅަނީ ގެއިން ބޭރުގަ ދަމާފައި ހުންނަ ރޯނުތަކުގަ އެވެ. ނަމަވެސް ކުޑަކުޑަ ތަންތަންކޮޅުގައި ތޮއްޖެހިގެން އުޅެން ޖެހިފައިވާތީ މާލޭގެ މިކަން އޮންނަނީ މި ގޮތަކަށް ނޫނެވެ. ގިނަ ގޭގޭގައި މީހުން އެއްޗެހި ދޮވެފައި ހިއްކަން އަޅަނީ އުޅޭ އެޕާޓްމަންޓެއްގެ އެތެރޭގަ އެވެ.
އެކަމަކު އެއީ އެއްގޮތަކަށް ވެސް ރައްކާތެރި ގޮތެއް ނޫނެވެ. ގޭތެރޭގައި ހެދުން ހިއްކަން އެޅުމުން ހެދުން ހިކިގެން އަންނަ އިރު އުފެދޭ އާވިން ސިއްޙަތައް ގެއްލުންވެ އެވެ. މީގެ ސަބަބުން ފުއްޕާމޭގައި އިންފެކްޝަން އުފެދެ އެވެ. އެ އާ ވީގައި އެކުލެވޭ “މޯލްޑް ސްޕޯސް” ނޭވާލާ ނިޒާމުގެ ތެރެއަށް ވަދެ ނުރައްކާތެރި ބަލި ފުއްޕާމެ އަށް ޖެހި ދެ އެވެ. މިކަމަކީ ވަރަށް ގިނަ މީހުން އަޅާ ނުލައި ދޫކޮށްލާފައިވާ ކަމެކެވެ.
މީގެ ސަބަބުން އެންމެ ގިނަ ފަހަރު ނޭވާލާ ނިޒާމަށް ޖެހޭ ބައްޔަކީ “ކްރޯނިކް ޕަލްމޮނަރީ އެސްޕާގިލޯސިސް” އެވެ.
މިއީ ފަންގަލް އިންފެކްޝަނަކެވެ. އެހެންވެ ހުރިހާ އެންމެން ވެސް މިކަމަށް ސަމާލު ވާން އެބަ ޖެހެ އެވެ.
ސިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ގޭތެރޭ ހެދުން ހިއްކަން އެޅުމަކީ އޭގެ ސަބަބުން ސިއްޙަތަށް ވަރަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ.
މި ގޮތަށް ގޭތެރޭގައި ހިއްކަން އެޅުމުން ގޭތެރޭގެ ވައިގެ ތެތްކަމުގެ މިންވަރު ގާތްގަނޑަކަށް %30 މަތިވެ އެވެ. މިގޮތަށް ވައިގެ ތެތްކަން މަތި ވުމަކީ މޯލްޑް ސްޕޯސްތަކަށް ފަސޭހަ އިން އުފެދިގެން ދާނެ މާހައުލަކެވެ.
އާއްމު ގޮތެއްގައި މެޝިނަކުން ދޮވެފައި ފެން ފެލާލާފަ ހުންނަ ހެދުންތަކުގައި ވެސް ގާތްގަނޑަކަށް ދެ ލީޓަރު ފެން ހުންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
މި ހުރިހާ ފެނެއް އަރައިގެން ދަނީ ވައިގެ ތެރެއަށެވެ.
ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އިންފެކްޝަން ބަލިތަކަށް ޅަފަތުގައި ވެކްސިން ދެވެ އެވެ.
މީގެ ސަބަބުން ހަށިގަނޑުގެ އިމިއުން ސިސްޓަމް މިފަދަ ބަލިތައް ދިފާޢު ކުރުމަށް ބަރާބަރަށް މަސައްކަތް ކުރެ އެވެ.
ނަމަވެސް އަސްތްމާ ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ކުދިންނަށާއި އަދި ބޮޑެތި މީހުން މިކަމުގައި ވަރަށް ބޮޑެތި ތަކުލީފު އުފުލަން ޖެހެ އެވެ.
އޭގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި ކެއްސުން ވަރަށް ބޮޑަށް އިތުރު ވެއެވެ.
މީގެ އތުރުން އިމިއުން ސިސްޓަމް ވަރު ދެރަ މީހުން ވެސް ހިމެނެ އެވެ. ޚާއްސަކޮށް ކެންސަރު ބަލީގެ މީހުންނަށާއި އެއިޑްސް ބަލީގެ މީހުންނަށް ވެސް މީގެ ވޭން ވަރަށް ބޮޑެވެ.